އިނގިރޭސިވިލާތުގެ ބާމިންހަމުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ދިވެހި ފެތުންތެރިން ގައުމީ ގިނަ ރިކޯޑުތަކެއް އާކޮށްފިއެވެ.
މި ފަހަރުގެ ގޭމްސްގައި ވާދަކުރާ ގައުމީ ފެތުމުގެ ޓީމުގައި ހިމެނެނީ ހަމްނާ އަޙްމަދާއި، އައިޝަތު ސައުސަން އާއި، މުބާލް އައްޒާމް އިބްރާހީމާއި، މުޙައްމަދު އާން ހުސެއިން އަދި މުޙައްމަދު ރިހާން ޝިހާމެވެ.
މި ގޭމްސްގައި ދިވެހި އެތުލީޓުން ވަނީ ފެތުމުގެ ހަތް ރިކޯޑެއް އާކޮށްފައެވެ. އޭގެ ތެރެއިން ތިން ރިކޯޑެއް ރާއްޖޭގެ ގައުމީ ފިރިހެން ޗެމްޕިއަން އާން ވަނީ އާކޮށްފައެވެ.
އާން އާކުރި ރިކޯޑުތަކަކީ ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓާއި، 100 މީޓަރު ފްރީސްޓައިލް އަދި 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރިކޯޑުތައް އާން ކޮށްފައިވަނީ 50 މީޓަރު ފްރީސްޓައިލް އިވެންޓް 24.82 ސިކުންތުންނާއި، 100 މީޓަރު ފްރީސްޓައިލް އިވެންޓް 55.59 ސިކުންތުން އަދި 100 މީޓަރު ބަޓަފްލައި އިވެންޓް 1 މިނެޓު 03.35 ސިކުންތުން ފުރިހަމަކޮށްގެންނެވެ
މީގެ އިތުރުން އާން ހިމެނުނު ޓީމުން ވަނީ 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރިކޯޑުވެސް އާކޮށްފައެވެ. އެ ރިކޯޑު ދިވެހި ފެތުންތެރިން އާކޮށްފައިވަނީ 4 މިނެޓު 14.91 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. އެ ޓީމުގައި ހިމެނުނީ އާންގެ އިތުރުން ސައުސަން އާއި، ހަމްނާ އަދި މުބާލެވެ.
ދެން މި ފަހަރުގެ މުބާރާތުގައި ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު ރިހާން އާކުރިއިރު، އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރިކޯޑު ހަމްނާ ވަނީ އާކޮށްފައެވެ. އަދި ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މުބާލްވެސް ވަނީ އާކޮށްފައެވެ.