ދަތުރުފަތުރުތައް ފެށުމާއިއެކު އޮންލައިންކޮށް ތަންތަން ކުއްޔަށް ނަގައިދޭ ކުންފުނި އެއާބީއެންބީގެ ބުކިންތައް ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ. އިގްތިސާދީ ހީނަރުކަމާއި އަގުތައް އުފުލުމުގެ ސަބަބުން ގޭބީސީތަކަށް އަސަރުކުރި ނަމަވެސް ދަތުރުފަތުރަށް އޮތް ޑިމާންޑު އަދިވެސް ވަރުގަދަކަމަށް އެއާބީއެންބީ އިން ބުނެއެވެ.
އޭޕްރީލް އިން ޖޫން މަހުގެ ނިޔަލަށް ގާތްގަނޑަކަށް 104 މިލިއަން ރޭ އެ ޕްލެޓްފޯމްގައި ބުކްކޮށްފައިވާއިރު، މިއީ ލޮޖިން ވެބްސައިޓަށް ރެކޯޑް އަދަދެކެވެ.
ޖުމްލަކޮށް ބަލާއިރު އޭޕްރީލް-ޖޫން މުއްދަތުގައި ބުކިންތައް މިދިޔަ އަހަރާ އަޅާބަލާއިރު %25 އިތުރުވެ 103.7 މިލިއަނަށް އަރާފައިވާއިރު، 2019 ވަނަ އަހަރާ އަޅާބަލާއިރު %24 އިތުރުވެފައިވެއެވެ.
އަގުތައް އުފުލުމަކީ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުކުރުމަށް ލިބުނު އެހީތެރިކަމެކެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ކުންފުނީގެ އާމްދަނީ ވަނީ %58 އިތުރުވެ 2.1 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.
ދިގު މުއްދަތަކަށް ތިބުމަކީ އެންމެ އަވަހަށް ކުރިއަރަމުން އަންނަ ދަތުރުފަތުރުގެ ބާވަތެވެ. އަދި ދިގު މުއްދަތަކަށް ތިބުމަށް މީހުން އެދެނީ ދުރު ހިސާބުތަކުގައި މަސައްކަތްކުރުން އިތުރުވުމުން ކަމަށް އެއާބީއެންބީ އިން ބުނެއެވެ.
މާބޮޑު ޑިމާންޑެއް މީގެކުރިން ނެތް ބައިނަލްއަޤްވާމީ އަދި ސިޓީ ދަތުރުތަކަށް އޮތް ޑިމާންޑުވެސް މިހާރު ވަނީ ރަނގަޅުވެފައެވެ.
އެއާބީއެންބީ އިން އިތުރަށް ބުނިގޮތުގައި މިހާރު އޮތީ މިހާތަނަށް އެންމެ ވަރުގަދަ ޕީކަކަށް އަރާނެ ހޫނުމޫސުމުގެ ދަތުރުފަތުރުގެ ސީޒަންގެ މެދުތެރޭގައި ކަމަށާއި، އިގްތިސާދަށް އަސަރުކޮށްފާނެ ކޮންމެ ކަމަކަށް ވެސް ރަނގަޅަށް ތައްޔާރުވެފައިވާ ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ދީފައިވާ ކަމަށެވެ.
އެއާބީއެންބީ އުފެއްދީ ރިސެޝަންގެ ދުވަސްވަރު ކަމަށް ކުންފުނީގެ ނަތީޖާއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެނަލިސްޓުންނާ އެކު ބޭއްވި ކޮންފަރެންސް ކޯލެއްގައި ޗީފް އެގްޒެކެޓިވް ބްރައިއަން ޗެސްކީ ވިދާޅުވި އެވެ.
އަނެއްކާވެސް ހީނަރުކަމެއް ކުރިމަތިވެއްޖެ ނަމަ އަނެއްކާވެސް ގިނަ ބަޔަކު ހޯސްޓިންގ އަށް އެނބުރިދާނެހެން ލަފާކުރާކަމަށާއި އެހެންވެއްޖެނަމަ އެއީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދަތުރުފަތުރަށް އޮތް ޑިމާންޑް އެންމެ ވަރުގަދައަށް އޮތީ އުތުރު އެމެރިކާގައި ކަމަށާއި، 2019 ވަނަ އަހަރާ އަޅާބަލާއިރު ބުކިންތައް %37 އަށް އިތުރުވެފައިވާ ކަމަށެވެ.
ޗައިނާއިން ވަކިވާކަން މެއި މަހު އިއުލާންކުރި އެ ކުންފުނިން ބުނީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޑިމާންޑް އޮތީ ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވުރެ ދަށުގައި ކަމަށެވެ. މިގޮތަށް ދިމާވި މައިގަނޑު ސަބަބަކީ ކޯވިޑްގެ ހުރަސްތަކާއިހެދި ޗައިނާގެ ފަތުރުވެރިން ގޭގައި ތިބެން ޖެހުކަންވެސް ކުންފުނިން ފާހަގަކުރިއެވެ.
އެ ކުންފުންޏަށް 379 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާއިރު، މިދިޔަ އަހަރު ކުންފުންޏަށް ވަނީ 68 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފަ އެވެ.