ޚަބަރު

ދުވާފަރުގެ މަގުހެދުމުގެ ހުރިހާ މަސައްކަތެއް ސެޕްޓެމްބަރަށް ނިންމަނީ


ރ.ދުވާފަރުގެ މަގުހެދުމާގުޅޭ ހުރިހާ މަސައްކަތްތަކެއް އަންނަ ސެޕްޓމްބަރު މަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދެ ފިޔަވެއްސަކަށް ބަހާލައިގެން ދުވާފަރުގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓިފައިވަނިކޮށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ފެށީ 2019ވަނަ އަހަރުއެވެ. އެމްޓީސީސީން އެ މަސައްކަތް އަލުން ފެށީ ރަށުގެ ރައްޔިތުން ބޭނުންވި ބަދަލުތަކާއެކުއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ދުވާފަރުގައި ޖުމުލަ 20 މަގުގެ 8 ކިލޯ މީޓަރު ސަރަޙައްދެއްގައި ތާރުއަޅާ ނިމިފައިވާކަމަށެވެ. އާޒިމް ވިދާޅުވީ ތާރުއެޅުމުގެ މަސައްކަތުގެ އިތުރަށް ދުވާފަރުގައި ނުހަދާ ހުރި މަގުތައް އެއްވަރު ކުރުމުގެ މަސައްކަތްތައްވެސް ކޮށްފައިވާކަމަސެވެ.

"ފޭސް 1 އަދި ފޭސް 2 ގެ މަސައްކަތްތައް ވަނީ ނިމިފައި. ބަނދަރުމަތީގެ މަގުތައް ހެދުމުގެ މަސައްކަތްތަކެއް އެބަހުރި. މަގުހެދުމާ ގުޅުން ހުރި ހުރިހާ މަސައްކަތްތަކެއް ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ." އާޒިމް ވިދާޅުވިއެވެ.

މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގައި ވެހިކަލް ދުއްވުމަށް 25،513 އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ހިނގާ މީހުންނަށް ޚާއްސަކޮށްގެން 6813 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާފައިވެއެވެ. އަދި ފެން ހިންދާ ނިޒާމާއި، މަގުބައްތި ޖެހުމާއި އަދިމަގުމަތީގެ ނިޝާންތައް ކުރެހުން ހިމެނެއެވެ.

ފުރަތަމަ ފިޔަަހީގެ މަސައްކަތް ނިމުމާއެކު، އެމްޓީސީސީއާއި ހަވާލުކޮށްގެން ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުއެވެ. ދެވަނަ ފިޔަވަހީގައި ވަނީ ވެހިކަލް ދުއްވުމަށް 17790 އަކަމީޓަރުގެ ސަރަޙައްދާއި، ޕޭމަންޓްގެ ގޮތުގައި 6923 އަކަމީޓަރުގެ ސަރަޙައްދެއް ހަދާފައެވެ.

ދުވާފަރަކީ ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެން ބޮޑުވުމާއި އަދި ވަކިވުމުގެ މައްސަލަވެސް ކުރިމަތިވާ ރަށެކެވެ. އަދި ރަށުގެ މަގުތައް ވަރަށް ބޯޑަށް ހިރަފުސްވެސްވާ ރަށެކެވެ.

މަގު ހެދުމުގެ މަސައްކަތުގައި ރަށުގެ ބަނދަރު ސަރަޙައްދާ، ރަށުގެ އެކި އެކި އިދާރާތަކާއި މުވައްސަސާތައް ހުރި ބޮޑެތި މަގުތައް ވަނީ ތަރައްޤީކޮށްފައެވެ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢަކީ ސަރުކާރުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.