އަލީބާބާ ގްރޫޕް ހޯލްޑިން ލިމިޓެޑްގެ ކުއާޓަރު އާމްދަނީ ފުރަތަމަ ފަހަރަށް ދަށަށް ހިއްގައްޖެއެވެ. އަދި މިއީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާ ފުރަބަންދުކުރުމާއިހެދި އެ ކުންފުންޏަށް ކޮށްފައިވާ އަސަރުކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖޫން މަހު ކުއާޓަރު ނިމުނުއިރު އާމްދަނީގެ ގޮތުގައި 30.43 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު %0 ގެ ބަދަލެއް ނަމަވެސް އެނަލިސްޓުން އުންމީދުކުރި ވަރަށް ވުރެ ބޮޑު ބަދަލެކެވެ.
ކުންފުނީގެ ކަސްޓަމަރ މެނޭޖްމަންޓުގެ އާމްދަނީ ވަނީ %10 ދަށްވެ 80.4 ބިލިއަން ޔުއާން އަށް އަރާފައިވެ އެވެ. މިއީ އަލީ ބާބާ އަށް އާމްދަނީ ލިބޭ އެންމެ މުހިންމު ސެގްމެންޓެވެ. މި ސެގްމެންޓުން ލިބޭ އާމްދަނީ އަކީ ކުންފުންޏަށް ޖުމްލަ ލިބޭ އާމްދަނީގެ ގާތްގަޑަކަށް ތިންބައިކުޅަ އެއްބައެވެ.
މި ކުއާޓަރުގައި އަލީބާބާއަށް އެޑްޖަސްޓް ކޮށްގެން ހިއްސާއަކަށް 11.73 ޔުއާން ލިބުނުއިރު، ރެފިނިޓިވް އައިބީއެސްގެ ޑޭޓާއަށް ބަލާއިރު އެނަލިސްޓުން ލަފާކުރި ގޮތުގައި 10.39 ޔުއާން ލިބޭނެ އެވެ.
އާމްދަނީ ދަށްވި ނަމަވެސް އަދިވެސް އަލީބާބާގެ ޕާފޯމަންސް ހީކުރި ވަރަށް ވުރެ ރަނގަޅުވެ، ކުންފުނީގެ ހިއްސާ ވަނީ %4.3 މަތިވެފައިވެއެވެ.
ދުނިޔޭގެ އިޤްޠިޞާދީ ހީނަރުކަމާއި ވާދަވެރި ކުންފުނިތައް ކަމަށްވާ ޕިންޑޫއޯޑޫއޯ އާއި ބައިޓްޑާންސްގެ ވާދަވެރިކަމުގެ ސަބަބުން އަލީ ބާބާ އަށް މީގެކުރިން ވަނީ އާމްދަނީ އިތުރުވުމުގައި ލަސްތަކެއް ކުރިމަތިވެފައެވެ.
އަލީބާބާގެ ސީއީއޯ ޑޭނިއަލް ޒާންގް ވިދާޅުވިގޮތުގައި ޖުލައި މަހުގެ ވިޔަފާރި ރަނގަޅުވާނެ ކަމުގެ އަލާމާތްތައް އެ ކުންފުންޏަށް ފެނުނު ނަމަވެސް ކުރިއަށް އޮތް މަސްތަކަކީ ޚަރަދު ކުޑަކޮށް ކުންފުނި ހިންގަންޖެހޭ ދުވަސްތަކަކަށް ވާނެއެވެ.
ޗައިނާއިން އޭޕްރީލް މަހާއި މެއި މަހުގެ ތެރޭގައި ދިހަވަރަކަށް ސިޓީ ފުރަބަންދުކުރިއެވެ. ޝަންހާއީ ހިމެނޭ ގޮތަށް ބޮޑެތި ސިޓީތައްވެސް ފުރަބަންދުކުރުގެ ސަބަބުން ޗައިނާގެ އިޤްޠިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.