އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަގުތަކުގެ މަސައްކަތް ޑިސެމްބަރުމަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމެޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރުމަހު 31ވަނަ ދުވަހުއެވެ.
އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި އެރަށުގެ 5 މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާ މަގުބައްތި ޖެހުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. 21.6 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އެރަށުގެ އެތެރޭގެ 4 މަގަކާއި ބަނދަރު މަގު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު އެރަށުގައި ޖުމްލަ 17 މަގެއް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްޤީ ކުރެވޭނެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން އުނގޫފާރުގައި 4 މަޝްރޫއެއް ކުރިއަށްގެންދިޔުމަށް ހަމަޖހިފައިވާކަމަށެވެ. މިގޮތުން މަގުހެދުމުގެ މަޝްރޫޢުތަކުގެ އިތުރަށް ބިން ހިއްކުމާއި ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އާޒިމް ވިދާޅުވީ އުނގޫފާރުގެ މަގު ހެދުމުގެ މަސައްކަތްތައް ޑިސެމްބަރުމަހަށް ނިންމާލެވޭނެކަމަށެވެ. އަދި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށްފަހު، އެ އަހަރު ތެރޭގައި އެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރާނެކަމަށެވެ. މީގެ އިތުރުން ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ.
"އުނގޫފާރުގައި ހިއްކުމަށް ހަމަޖެހިފައިވަނީ 10 ހެކްޓަރުގެ ބިން. މިރަށް ހިއްކަން ވަރަށް އުނދަގޫވާނެ. ހިއްކުމަށްޓަކަށް ވެލި ނަގަން މިޖެހެނީ ތަންކޮޅެއް ދުރުން. މިރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތަކަށް ގާތްގަޑަކަށް 130 މިލިޔަން ރުފިޔާ އެބަ ޚަރަދުވޭ."އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.
CEO @adamazim and team met with R. Ungoofaaru Council and briefed on ongoing projects at R. Ungoofaaru. CEO Azim also inspected R. Ungoofaaru Road Development Project.#MTCCProjects #RayyithungeKunfuni pic.twitter.com/YrBSZyEnR8
— MTCC Plc (@MTCCPlc) August 2, 2022
އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ ހުރިހާ މަޝްރޫއުތަކަކީވެސް ރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު މަސައްކަތްތަކެއްކަމަށެވެ. މިގޮތުން އެރަށުގެ މަގުތައް ކުރިން އޮތްގޮތުން ގިނަ ތަކުލީފްތަކާ ކުރިމަތިލާން ޖެހުނުކަމަށެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދިޔުމާ ގުޅިގެން ކުރިންދިމާވާ ތަކްލީފްތަކަށް ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބިންހިއްކުމާއި ރަށުގެ ބަނދަރު މަސައްކަތުގެ ސަބަބުންވެސް ރަށަށް އެތަކެއް ފައިދާ ތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"އުނގޫފާރު ރައްޔިތުންނަށް ދިމާވާ އެކިއެކިކަން ހައްލުކޮށްދިނުމަށް އެދުމުން އެކަމަކަށް ފަހެއް ނުޖެހޭ. އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ކުރެވޭ މަސައްކަތެއްނަމަ އެކަންވެސް އެބަކޮށްދޭ. ބިންހިއްކުމުގެ މަޝްރޫއުވެސް އަންނައަހރު ނިމުމަށް އަމާޒު ހިފާފައި މިއޮތީ. މިހާރު ސަރުކާރުގައި އެދފައި އޮންނަނީ ރަށުގެ ގޮނޑުދޮށް ހިމާޔްތ ކުރުމަށްވެސް."އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އުނގޫފާރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެދަށުން، ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތައް މިދިޔަ އޮކްޓޯބަރުމަހުގެ 10ވަނަ ދުވަހު ވަނީ ނިމިފައެވެ. އުނގޫފާރު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވަނީ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތަކެވެ.މި މަޝްރޫޢުއަށް 28 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.