ރ. މަޑުއްވަރީގެ ބަނދަރަކީ ރާއްޖޭގައި ހަދާ ބަނދަރުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަނދަރެވެ. އެ ބަނދަރުގެ މަސައްކަތް ނުނިމި 2 އަހަރު ދިގުލައިގެން ގޮސްފައިވާއިރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ، އެމްޓީސީސީން މިހާރު އަމާޒު ހިފާފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މަސައްކަތް ނިންމާލުމަށެވެ.
މަޑުއްވަރީގައި އޮތް ބަނދަރު ކުޑަވެ އުޅަނދު ފަހަރު އެޅުމުގައި ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މަސްވެރިކަން ކުރާ ބޮޑެތި އޮޑި ދޯނިފަހަރު ގެންގުޅޭ މަޑުއްވަރީގައި އާ ބަނދަރެއް ތަރައްގީ ކުރުމުގެ މައިގަނޑު އެއްބޭނުމަކީވެސް އެއީއެވެ. އުޅަނދުފަހަރު ގިނަވެ ފަޅު ފުރިފައިވާ މަޑުއްވަރީގެ ބަނދަރުގެ ބޮޑުބައި އޮތީވެސް ހަލާކުވެފައެވެ.
މަޑުއްވަރީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ބަލާލުމަށްޓަކައި އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރ.މަޑުއްވަރީގެ ބަނދަރަކީ އެމްޓީސީސީން ހަދަމުން އަންނަ ބަނދަރުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަނދަރުކަމަށެވެ. ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާތާ 2 އަހަރެއްހާ ދުވަސްވެފައިވާއިރު އާޒިމް ވިދާޅުވީ ފުރަތަމަ މަސައްކަތް ފެށިތަނުން ބަނދަރަށް ބަދަލުތަކެއް ގެންނަން ޖެހުނުކަމަށެވެ. އަދި މަސައްކަތް ކުރުމަށްޓަކައި ގިނަ ދުވަސްތަކެއް ހޭދަވިކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މަޑުއްވަރީ ހިމެނޭ ސަރަޙައްދަކީ މޫސުން ގޯސްވާއިރު ކަނޑުގަދަ ސަރަޙައްދަކަށްވުމުން ކަނޑު ގަދަވާ ފަހަރުތަކުގައި މަސައްކަތް ހުއްޓާލަން ޖެހޭކަމަށެވެ. މިގޮތުން މިފަހުންވެސް ބަނދަރަށް ބޭނުންވާ ބައެއް ސާމަނު ގެނައުމަށްފަހު ރަށަށް ނޭރުވިގެން އަނބުރާ ގެންދަން ޖެހުނުކަން އާޒިމް ފާހަގަކުރެއްވިއެވެ.
"ޖެޓީއެއް ހަދަން ޖެހުމުގެ ސަބަބުން ބްރޭކްވޯޓަރ ގެ މަސައްކަތްތައް މަޑުޖައްސާލުމަށްފަހު މަސައްކަތްތައް ކުރިއަށް ގެންދަން ޖެހިފައިވަނީ. ޖެޓީގެ މަސައްކަތް ނިންމާފައި މި މަސައްކަތް ކުރެވޭނީ. އިތުރަށް ކުރާ މަސައްކަތްތަކާއެކު ސެޕްޓެމްބަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް" އާދަމް އާޒިމް ވިދާޅުވިއެވެ.
CEO @adamazim and team met with the R. Maduvvari Council and inspected the progress of R. Maduvvari South Harbor Development Project.#MTCCProjects #RayyithungeKunfuni pic.twitter.com/iLDjrmH4tL
— MTCC Plc (@MTCCPlc) August 3, 2022
މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤް ވިދާޅުވީ މަޑުއްވަރީއަށް ޒަމާނީ ފެންވަރުގެ ބަނދަރެއް ބޭނުންވެގެން އެދޭތާ އެތަކެއް އަހަރުތަކެއް ވެފައިވާކަމަށެވެ. އަދި މި ބަނދަރުގެ ސަބަބުން އޮޑިވެރިންނަށާއި ރަށުގެ ރައްޔިތުންނަށްވެސް އެތަކެއް ފަސޭހައެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެރަށަކީ މަސްވެރިކަން ކުރާ ރަށެއްކަން ފާހަގަކުރައްވާ ޞާދިގް ވިދާޅުވީ ބަނދަރު މިހާރު އޮތްގޮތުން އޮޑިދޯނި ފަހަރުތައްވެސް އެކި ގޮތްގޮތަށް އަޅާފައި އޮންނަކަމަށެވެ.
"ކުރިން އޮތް ބަނދަރު ހަދާފައި މިއޮތީ މިއަދުގެ ހާލަތަށް ނުވިސްނާ ހަދާފައޮތް ބަނދަރެއް. އޭރު ރައްޔިތުން މިޖެހެނީ ގަދަވެއްޖެނަމަ އޮޑިދޯނިފަހަރުތަކަށް ލިބިދާނެ ގެއްލުމެއް ބެލުމަށްޓަކައި ހޭލާ ތިބެން."މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤް ވިދާޅުވިއެވެ.
މަޑުއްވަރީގައި ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ފަޅަށް ވަދެ ނުކުމެ ހެދުމަށް 7280 ކިއުބިކް މީޓަރުގެ ނެރެއްވަނީ ކަނޑާފައެވެ. އަދި 80400 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް 582 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި 411 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލާ 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަސައްކަތުގެ ދަށުން ކުރެވިގެންދާނެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ބަނދަރު ހިމެނޭ ސަރަހައްދުގައި 2840 މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 72.6 މިލިއަން ރުފިޔާއަށެވެ.