މުދަލުގެ އަގު އުފުލުމުގެ ސަބަބުން އެކްސްޕޯޓުކުރި މިންވަރު އިތުރުވެ އޭޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށް އިންޑޮނޭޝިއާގެ އިގްތިސާދީ ދުވެލި ކުރިއަރާފައިވާކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދެވަނަ ކުއާޓަރުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) މިދިޔަ އަހަރާ އަޅާބަލާއިރު %5.44 އަށް ވަނީ އިތުރުވެފައެވެ. މިއީ އަހަރެއްގެ ތެރޭގައި އެންމެ އަވަހަށް ކުރިއަރާފައިވާ ރޭޓްކަމަށް ސްޓެޓިސްޓިކްސް އިންޑޮނޭޝިއާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރޮއިޓާސްގެ ޕޯލުން ލަފާކޮށްފައިވާ ގޮތުގައި އިންޑޮނޭޝިއާގެ އިގްތިސާދީ ދުވެލި ހަލުއި ވާނީ %5.17 އަށެވެ. އަދި ދެވަނަ ކުއާޓަރުގައި އެކްސްޕޯޓުކުރި މިންވަރު ގާތްގަނޑަކަށް %20 އަށް ވަނީ އިތުރުވެފައެވެ.
ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިންޑޮނޭޝިއާއަކީ ޕާމް ތެލާއި ކޯލް، ނިކަލް އަދި ޓިން ފަދަ ތަކެތި ގިނައިން އެކްސްޕޯޓްކުރާ ގައުމެކެވެ. ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގުބޮޑުވެ، އެ ޤައުމުން އެކްސްޕޯޓުކުރި މިންވަރުވެސް ވަނީ އިތުރުވެފައެވެ.
އިންޑޮނޭޝިއާގެ ޖީޑީޕީގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ގޭބިސީތަކުގެ ކޮންސަމްޕްޝަން އިތުރަށް ރަނގަޅުވީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމުންނެވެ.
މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، ކާބޯތަކެއްޗާއި ބުއިންތަކާއި، މައިނިން، ކޮންސްޓްރަކްޝަން އަދި ދަތުރުފަތުރުގެ ސިނާއަތްވަނީ ކުރިއަރާފައެވެ.
ޕާމް ތެލުގެ އަގު ފާއިތުވި މަސްތަކުގައި ދަށަށް ދިޔަ ނަމަވެސް ޔޫރަޕް ފަދަ މާކެޓްތަކުން ޑިމާންޑް ބޮޑުވުމުން އިންޑޮނޭޝިއާގެ ކޯލުގެ އަގު އަދިވެސް ދަނީ ރެކޯޑް މިންވަރަކަށް އުފުލެމުންނެވެ.
ޗީފް އިކޮނޮމިކް މިނިސްޓަރު އެއާލަންގާ ހާޓާޓޯ ވިދާޅުވީ މުޅި އަހަރު ދުވަހުގެ ޖީޑީޕީން ސަރުކާރުން ކަނޑައަޅާފައިވާ %5.2 ގެ އަމާޒަށްވާސިލްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ ވަނީ ކޮވިޑް-19 ގެ ކޭސް ނަމްބަރު މަދުވުމާއި ބޭރުގެ ކުންފުނިތަކުން ދާދި ފަހުން އިންވެސްޓްމަންޓް ވެފައިވާ ވައުދުތައް ފާހަގަކުރައްވާފައެވެ.
އިންޑޮނޭޝިޔާގެ އިޤްތިޞާދު ކުރިއަރަމުންދާއިރު ދެކުނު ކޮރެއާގެ ދަގަނޑު އުފައްދާ ކުންފުނި، ޕޮސްކޯ ހޯލްޑިންގްސް އާއި ޖަޕާނުގެ ކާރު އުފައްދާ ކުންފުނި، ޓޮޔޯޓާ މޮޓޯ ކޯޕާއި މިޓްސުބިޝީ މޮޓޯ ކޯޕް ފަދަ ކުންފުނިތަކުން އިންޑޮނޭޝިއާގައި އިންވެސްޓްމަންޓް އިތުރު ކުރުމަށް ރާވާފައިވާކަން މިދިޔަ ހަފްތާ ވަނީ އިއުލާންކޮށްފައެވެ.