ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސޯލާ ހަކަތައަށް ޚާއްސަ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށް އަލުން ބީލަމަށް ހުޅުވާލައިފިއެވެ.
މިއީ ވޯލްޑު ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެކްސެލެރޭޓިން ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވީ 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 11 އަތޮޅެއްގެ ކަނޑައެޅިފައިވާ ރަށްތަކެއްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރު އެކަމަށް ބީލަން ހުށައެޅުމަށް އަލުންވަނީ ހުޅުވާލާފައެވެ. އަލުން ބީލަމަށް މިހުޅުވާލީ އެ މަސައްކަތަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމަށް މިދިޔަ މަހު ކުރިއަށް ގެންދިޔަ ބީލަމަށް އެދެވޭ ނަތީޖާއެއް ލިބިފައިނުވާތީ އެބީލަން ކެންސަލްކުރުމަށްފަހު ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
* އައްޑޫ ސިޓީ
* ފުވައްމުލައް ސިޓީ
* ކުޅުދުއްފުށި ސިޓީ
* ގދ. ތިނަދޫ
* ގއ. ވިލިނގިލި
* ބ. އޭދަފުށި
* ޅ. ހިންނަވަރު
* ޅ. ނައިފަރު
* ދ. ކުޑަހުވަދޫ
* ށ. ފުނަދޫ
* ލ. ފޮނަދޫ
* ލ. ގަން
* ލ. ހިތަދޫ
* ލ. މާމެންދޫ
* ލ. ކުނަހަންދޫ
* ލ. މާބައިދޫ
* ލ. ދަބިދޫ
* ލ. މާވަށް
* ލ. އިސްދޫ
* ލ. ކަލައިދޫ.
މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ 13:00 ގެ ކުރީންނެވެ. ބީލަން ހުށަހަޅަންޖެހޭ ގޮތުގެ ތަފްސީލާއެކު މަޝްރޫޢުގެ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
އެރައިސް މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު އެ ނިޒާމުގައި ރައްކާކުރެވޭނެއެވެ. ހަމައެއާއެކު، ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ 30 ޕަސެންޓަށްވުރެ މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެއެވެ.
މިދިޔަ އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢުން 40 މެގޮވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ވަނީ ރާވާފައެވެ. ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.
ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ އެފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އަންނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި އަދި 2018 ގެ ނިސްބަތާއި އަޅާބަލާއިރު އަންނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު 20 ޕަސެންޓަށް އިތުރު ކުރުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުމެވެ.