ޚަބަރު

ނޫސްވެރިން ތަމްރީންކުރުމަށް ޖަޕާންގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި


ޖަޕާނުގައި ތަޢުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މިޑިއާ ކައުންސިލުން ޖަޕާންއާއެކު މަޝްވަރާކޮށްފިއެވެ.

މިއީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޖަޕާނަށް ދިވެހި ނޫސްވެރިން ފީލްޑް ޓްރިޕް ފޮނުވުމަށާއި އެމް.އީ.އެކްސް.ޓީ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.

ދިވެހި ރާއްޖޭގައި ހުންނަވާ ޖަޕާންގެ އެމްބަސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ މިސް ޓަކެއުޗީ މިޑޯރީ، ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.

މި މަޝްވަރާ ތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް މުޙައްމަދު ޝަފާޢު ހަސަން، މެންބަރު އަލީ ހުސައިން، މެންބަރު އިބްރާހިމް ފައުޒީ އަދި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ. ޖަޕާން އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ޓަކެއުޗީ މިޑޯރީ އަދި ރިސާޗާ/އެޑްވައިޒާރ މިސްޓަރ އޯޓާ ޔޮޝޫއެވެ.