ޚަބަރު

މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭ ގޮތް ހަދައިފި


މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރެވޭ އެއްބަސްވުމުގައި ރާއްޖެއާއި މެލޭޝިއާއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ. އަދި މެލޭޝިއާއިން ސޮއިކުރެއްވީ އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ.ވީ.ކާ ސިއޯންގްއެވެ.

މި އެއްބަސްވުމުގެ ދަށުން މޮޓޯ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތް ދިވެހިންނަށް މެލޭޝިއާގައި ބޭނުންކުރެވޭނެއެވެ. އަދި މެލޭޝިއާގެ ލައިސަންސްވެސް ރާއްޖޭގައި ބޭނުންކުރެވޭނެއެވެ. މި އެއްބަސްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިިރިއުޅޭ ދިވެހިންނަށް ލުއި ފަސޭހަވާނެކަމަށެވެ. އަދި މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުމުގެ ހެއްކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުން ކުރެވޭގޮތް ހެދުމަށްޓަކައި އެންމެ ފުރަތަމަ މަޝްވަރާތަކެއް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން އޭރު މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާ މިނިސްޓަރ ނަހުލާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

އެއަށްފަހު މިއަހަރުގެ ތެރޭގައި އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީ ހައި ލެވެލް ބައްދަލުވުމުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ.ވީ.ކާ ސިއޯންގް އާ ބައްދަލުކުރައްވާވެސް މަޝްވަރާ ކުރެއްވިއެވެ. އަދި އެ ބައްދަލުވުމުގައި މިމަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމެވިއެވެ.