ދުނިޔޭގެ ވިޔަފާރި

ރަޝިއާގެ އިޤްތިޞާދީ ދުވެލި މަޑުވެއްޖެ


ރަޝިޔާގެ އިޤްތިޞާދީ ދުވެލި އަހަރުގެ ދެވަނަ ކުއާޓަރުގައި %4.0ށް މަޑުވެއްޖެއެވެ.

ރަޝިއާގެ އިޤްތިޞާދު ހީނަރުވެ، ރިސެޝަނަކަށް ހުށަހެޅިފައިވަނީ މިދިޔަ ފެބްރުއަރީމަހު ފަށާފައިވާ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއިހެދިއެވެ.

ރަސްމީ ހިސާބުތަކުން ރަޝިއާގެ އިޤްތިޞާދާއިބެހޭ އިތުރު ތަފްސީލެއް ނުދިން ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ދެވަނަ ކުއާޓަރުގައި އިޤްތިޞާދީ ދުވެލި މަޑުވެފައިވަނީ ކޮންސިއުމަރ ޑިމާންޑް ދަށްވުމާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ޖޫން މަހުގެ ހިސާބުތައް ދައްކާ ގޮތުގައި ބައެއް ސިނާއަތްތަކުގެ ހާލަތު ހަމައަކަށް އެޅެމުންދާތީ ރަޝިޔާގެ އިޤްތިޞާދީ ދުވެލި މާބޮޑަށް މަޑުޖެހިފައި ނުވާކަމަށް ސިނާރާ އިންވެސްޓްމަންޓް ބޭންކުގެ އިޤްތިޞާދީ މާހިރު ވިދާޅުވިއެވެ.

ދެވަނަ ކުއާޓަރގައި ޖުމްލަ ޖީޑީޕާ ހީކުރިވަރަށް ދަށްވެފައެއްނުވެއެވެ. ރޮއިޓަރސްގެ ދިރާސާކުރާ ފަރާތްތަކުން އެވްރެޖްކޮށް ލަފާކޮށްފައިވާގޮތުގައި ފުރަތަމަ ކުއާޓަރގައި ރަޝިއާގެ ޖީޑީޕީ އޭޕްރީލް-ޖޫން %7 ށް ދަށްވާނެއެވެ.

މަރުކަޒީ ބޭންކުގެ ތަހުލީލު ކުރާ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި ދެވަނަ ކުއާޓަރގައި ޖީޑީޕީ %4.3 ދަށްވާނެއެވެ. އަދި ތިންވަނަ ކުއާޓަރގައި ޖީޑީޕީ %7 ދަށަށް ދިއުން އެކަށީގެންވެއެވެ. މަރުކަޒީ ބޭންކުން ލަފާކުރާގޮތުގައި ރަޝިއާގެ އިޤްތިޞާދު ރަނގަޅުވާން ފަށާނީ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައެވެ.