ދުނިޔޭގެ ވިޔަފާރި

މެލޭޝިއާގެ އިގްތިސާދީ ދުވެލި ހަލުއިވެއްޖެ


މެލޭޝިއާގެ އިގްތިސާދީ ދުވެލި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ހަލުއިވެއްޖެއެވެ.

މެލޭޝިއާގެ އިގްތިސާދު އަހަރެއްގެ ތެރޭގައި އެންމެ އަވަހަށް ކުރިއަރާފައި މިވަނީ ދެވަނަ ކުއާޓަރުގައެވެ. އެތެރޭގެ ޑިމާންޑް އިތުރުވުމާއި އެކްސްޕޯޓް ކުރި މިންވަރު އިތުރުވުމުގެ ސަބަބުން އިގްތިސާދީ ދުވެލި ހަލުއިވިނަމަވެސް ދުނިޔޭގެ އިގްތިސާދު ހީނަރުވަމުންދާ މި ދަނޑިވަޅުގައި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މެލޭޝިއާގެ އިގްތިސާދީ ހާލަތަށް އަންނާނެ ބަދަލެއް ނޭނގެއެވެ.

އޭޕްރީލް-ޖޫން މަހުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އޭގެ ކުރީ އަހަރާ އަޅާބަލާއިރު %8.9 އަށް އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ. މިއީ ރޮއިޓާސްގެ ޕޯލުން ކުރިއެރުން ލިބޭނެކަމަށް ލަފާކޮށްފައިވާ %6.7 އަށްވުރެ އިތުރު އަދަދެކެވެ. އަދި މިއީ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ފަހުން ޖީޑީޕީ އެންމެ ކުރިއަރާފައިވާ ފަހަރެވެ.

އޭޕްރީލް-ޖޫން އަށް ސީޒަނަލް އެޖެސްޓް ކުރި ޖީޑީޕީ ވަނީ %3.5 އަށް އިތުރުވެފައެވެ. މިއީ އޭގެ ކުރީ ތިންމަސް ދުވަހަށްވުރެ އިތުރު އަދަދެކެވެ.

މެލޭޝިއާގެ ބޯޑަރު ހުޅުވާލިފަހުން އެ ގައުމުގެ އިގްތިސާދު އަންނަނީ ރަނގަޅުވަމުންނެވެ.

ދުނިޔޭގެ އިގްތިސާދުގެ ހީނަރުކަމާއެކުވެސް މެލޭޝިއާގެ އިގްތިސާދު މި އަހަރުގެ ފަހު ހަ މަސް ދުވަހު ރަނގަޅުވާން ފަށާނެކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ނޯ ޝަމްސިއާ މުހައްމަދު ޔޫނުސް ވަނީ ވިދާޅުވެފައެވެ. އަދި ހެޑްލައިން އަދި ކޯ އިންފްލޭޝަން 2022 ވަނަ އަހަރު އެވްރެޖްކޮށް މަތިވާނެ ބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.

މެލޭޝިޔާގެ މަރުކަޒީ ބޭންކުގެ ބެންޗްމާކް އިންޓަރެސްޓް ރޭޓް ވިދިވިދިގެން ދެ ފަހަރު ވަނީ މަތިކޮށްފައެވެ.

ކެޕިޓަލް އިކޮނޮމިކްސް އިން ބުނެފައިވާގޮތުގައި މުދަލުގެ އަގުތައް ވެއްޓުމާއި ބޯޑަރު ހުޅުވުމުން ލިބުނު ކުރިއެރުން ދަށްވާތީ، ކުރިއަށް އޮތް ކުއާޓަރުތަކުގައި މެލޭޝިއާގެ އިގްތިސާދީ ދުވެލި މަޑުވާނެކަމަށެވެ.