މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ކުރިއަށްދާތީ، މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ކަނޑު ދަތުރުކުރުން މަނާކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނެއްގައި ވިދާޅުވީ މާލެ - ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅީގައި ބުރިޖު އެޅުމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން، މި މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މިނިސްޓްރީން ވިދާޅުވީ ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަރުރުކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
މިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ތިލަމާލޭ ބްރިޖްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ވަނީ ފަށްޓަވާދެއްވާފައެވެ. ބްރިޖްގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްބަސްވުން ޤާއިމުކޮށްފައިވަނީ ދެ ބަޔަކަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މާލެ-ވިލިމާލެ-ގުޅީފަޅު ގުޅާލުމުގެ މަސައްކަތެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ތަނބުގެ މަސައްކަތް ފަށާއިރު، އެއާ އެކުއެކީގައި ދެން ހިމެނޭ ސަރަޙައްދުތަކުގެ ފައިނަލް ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް އަންނަ 2023ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައިމަހަށް ނިންމުމަށްވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.
ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖާއި ލިންކިން ރޯޑް ތަކެކެވެ.
މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024ވަނަ އަހަރުއެވެ.