ދުނިޔޭގެ ވިޔަފާރި

ފަގީރު ގައުމުތަކުން ނަގާ އިމްޕޯޓު ޓެކްސް މަދުކުރަން އިނގިރޭސިވިލާތުން ނިންމައިފި


ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުން އިމްޕޯޓު ޓެކްސް މަދުކުރަން އިނގިރޭސިވިލާތުން ނިންމައިފިއެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކާއިމެދު ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރުމުގެ ސްކީމަށް އަމަލުކުރަން އިނގިރޭސިވިލާތުން ފެށީ މިދިޔަ ޖެނުއަރީމަހުއެވެ. ޔޫރަޕް އިއްތިހާދުގެ ގައުމެއްގެ ގޮތުގައި އޮތް އިރު މި ސްކީމްގައި ބައިވެރިވި ފުރަތަމަ ގައުމަކީވެސް އިނގިރޭސިވިލާތެވެ.

މި ސްކީމްގެ ދަށުން 65 ގައުމަކުން އިމްޕޯޓު ޓެކްސް ކުޑަކުރަން ވަނީ ނިންމާފައެވެ.

މި ސްކީމްގައި އިންސާނީ ހައްގުތަކާއި ލޭބަރ ވައިލޭޝަންގެ ސަބަބުން ގައުމެއް ސަސްޕެންޑް ކުރުމުގެ ބާރުތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ވާޖިބުތައް އަދާނުކުރުމުގެ ސަބަބުން އަދަބު ދެވޭ ބާރުތައް ވެސް ހިމެނެއެވެ.

އިންޓަނޭޝަނަލް ޓްރޭޑް ސެކްރެޓަރީ އޭން-މެރީ ޓްރެވެލިއަން ވިދާޅުވީ މިނިވަން ވިޔަފާރި ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ވިޔަފާރީގެ ސިޔާސަތުގެ ކޮންޓްރޯލް އަނބުރާ ނަގައި އެ ގައުމުގެ ވިޔަފާރިތަކަށް ބާރުލިބޭނެ ނިންމުތައް ނިންމައި، ދިރިއުޅުމުގެ އަގުތައް ހަމަޔަކަށްއެޅުމަށް އެހީތެރިވެދީ، ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދަށްވެސް މި ސްކީމްގެ ދަށުން އެހީތެރިވެވޭނެކަމަށެެވެ.