ދުނިޔޭގެ ވިޔަފާރި

ޔޫރޯ ޒޯންގެ އިޤްތިޞާދީ ދުވެލި ދަށްވެއްޖެ


ޔޫރޯ ޒޯންގެ އިޤްތިޞާދީ ދުވެލި ދެވަނަ ކުއާޓަރުގައި ލަފާކުރިވަރަށްވުރެ ކުޑަތަންކޮޅެއް މަޑުވެއްޖެއެވެ.

ދެވަނަ ކުއާޓަރުގެ އިޤްތިޞާދީ ދުވެލި މަޑުވި ނަމަވެސް ޔޫރޯ ޒޯންގެ އިޤްތިޞާދު އަދިވެސް ވަރުގަދަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ވަޒީފާގެ ނިސްބަތްވެސް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ވަނީ ދައްކާފައެވެ.

ޔޫރޯ ޒޯންގެ ތަފާސް ހިސާބުތަކާއިބެހޭ އޮފީހުން ހާމަކޮށްފައިވާގޮތުގައި ޔޫރޯ ބޭނުންކުރާ 19 ގައުމެއްގެ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓް އޭޕްރީލް-ޖޫން މަހު ވަނީ %0.6 އަށް އިތުރުވެފައެވެ. އަދި މިއީ އަހަރުން އަހަރަށް ބަލާއިރު %3.9 އިތުރުވުމެކެވެ.

އިޤްތިޞާދީ ދުވެލި ދެވަނަ ކުއާޓަރުގައި ކުރިއެރީ އިޓަލީއާއި ސްޕެއިންގެ އިޤްތިޞާދީ ދުވެލި ހަލުއިވުމުންނެވެ. ދެވަނަ ކުއާޓަރުގައި އިޓަލީގެ އިޤްތިޞާދީ ދުވެލި %1.0 އިތުރުވެފައިވާއިރު، ސްޕެއިންގެ އިޤްތިޞާދީ ދުވެލި ވަނީ %1.1 ށް އިތުރުވެފައެވެ. ނަމަވެސް މި މުއްދަތުގައި ޒޯންގެ އެންމެ ބޮޑު އިޤްތިޞާދެއް އޮންނަ ޖަރުމަނުވިލާތުގެ އިޤްތިޞާދީ ދުވެލި ވަނީ މަޑުޖެހިފައެވެ.

ޔޫރޯ ޒޯނުގައި ވަޒީފާގެ ނިސްބަތް އަހަރުން އަހަރަށް ބަލާއިރު %2.4 އިތުރުވެފައިވާ ކަމަށް ޔޫރޯސްޓެޓުން ބުނެއެވެ.

އިޤްތިޞާދީ މާހިރުން ގަބޫލުކުރާ ގޮތުގައި އިންފްލޭޝަން ދުވަހެއް ދުވަހަކަށް މަތިވުމާއި ސަޕްލައި ޗޭންގެ މައްސަލަތަކުގެ ސަބަބުން ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރިސެޝަނަކަށް ދިއުމުގެ ކުރިން އިޤްތިޞާދު އެންމެ ރަނގަޅުވާނެ ފަހަރެވެ.

2023 ވަނަ އަހަރު ޔޫރޯ ޒޯންގެ އިޤްތިޞާދީ ދުވެލި މަޑުވާނެކަމަށާއި އެއަހަރުގެ ތިން ވަނަ ކުއާޓަރުގައި އިގްތިސާދީ ދުވެލި އެއްވެސްވަރަކަށް ހަލުއި ނުވާނެކަމަށް އޮކްސްފޯޑު އިކޮނިމިކްސްގެ އިގްތިސާދީ މާހިރު ލަފާކުރައްވައެވެ.

ޔޫރަޕްގެ ހުރިހާ އިޤްތިޞާދެއްގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު ކުރަމުންދާ ރަޝިއާ ޔުކްރެއިން ހަނގުރާމައެވެ. ހަނގުރާމައިގައި ދެން ވާނެގޮތަކާއިމެދު ޔަގީންކަން ނެތުމުން ކޮންސިއުމަރުންނާއި ވިޔަފާރިތަކުގެ އިތުބާރުވަނީ ގެއްލިފައެވެ. މީގެއިތުރުން ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިއާއިން ގޭސް ފޯރުކޮށްދިނުން މުޅިން ހުއްޓާލާފާނެ ކަމުގެ ބިރުވެސް ވަނީ އުފެދިފައެވެ. އެހެން ވެއްޖެނަމަ ޔޫރޯ ޒޯންގެ އިޤްތިޞާދު އިތުރަށް ހީނަރުވެދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.