ޚަބަރު

އިތުރު 6 ޤައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޝާން އައްޔަން ކުރަނީ


ޖަރުމަނުވިލާތަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު އިތުރު 6 ޤައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.

މަޖިލީހުން ރުހުން ދިނުމުން ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން އައްޔަންކުރަން ނިންމަވާފައިވަނީ ރަޝިއާ، ފިންލެންޑް، ސްވިޑަން، ނޯވޭ، ޑެންމާކް އަދި ޔުކްރޭނަށެވެ. ނޮންރެސިޑެންޓް ސަފީރުން އައްޔަން ކުރަނީ، އެމްބަސީތައް ގާއިމް ވެފައި ނުހުންނަ ޤައުމުތަކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަން ސަފީރުގެ މަޤާމަށް ޝާން އައްޔަން ކުރެއްވީ ޖުލައި މަހުގެ ތެރޭގައެވެ. ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި، ޢާއިޝަތު ޝާން ޝާކިރު، ކުރިން ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެެވެ.

ޢާއިޝަތު ޝާން ޝާކިރަށް ރުހުން ހޯދުމުގެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.