ޚަބަރު

ތިން ޤައުމަކަށް ސަފީރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފި


ދިވެހި ރާއްޖެއިން ބޭރުގެ ތިން ޤައުމަކަށް ކަނޑައަޅާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ. މަޖިލީހުން ރުހުން ދެއްވާފައިވަނީ މެލޭޝިއާއަށް ކަނޑައަޅާ ސަފީރުކަމަށާއި، އެމެރިކާ އަދި، އިންޑިއާގެ ސަފީރުކަމަށް ބޭފުޅުން އައްޔަން ކުރުމަށެވެ.

ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާ ސަފީރުކަމަށް ރުހުން ދެއްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމު ފުރުއްވަމުންދާ ޢަބްދުލްޣަފޫރު މުޙައްމަދަށެވެ. ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޢަބްދުލްޣަފޫރު ވަނީ މީގެކުރިން އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި މިހާރު ފުރުއްވަމުން ގެންދަވަނީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމެވެ. މީގެ ކުރިން ޢަފޫރު ފުރުއްވި ފޮރިން ސެކްރެޓަރީގެ މަޤާމަށް ވަނީ ޖަރުމަނުގައި އެންމެ ފަހުން ހުންނެވި ދިވެހި ސަފީރު އަހުމަދު ލަތީފް (ސީވީޑް ލަތީފް) ހަމަޖައްސަވާފައެވެ. ޢަފޫރަށް ރުހުން ދެއްވުމަށް މަޖިލީހުން ފާސްވީ 46 މެމްބަރުންގެ ވޯޓުންނެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރުކަމަށް ރުހުން ދެއްވާފައިވަނީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުވެސް ފުރުއްވާފައިވާ އިބްރާހީމް ޝަހީބެވެ. އޭނާއަކީ އެ މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވަމުންދާ ބޭފުޅެކެވެ. 1991 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި ހިދުމަަތް ކުރަމުންދާ ޝަހީބަކީ ކެރިއާ ޑިޕްލޮމެޓެކެވެ. ޝަހީބަށް ރުހުން ދެއްވުމަށް ފާސްވީ 46 މެމްބަރުންގެ ވޯޓުންނެވެ.

މެލޭޝިއާގެ ސަފީރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ ހެންވޭރު މާލޭތިލަ ޢަލީ ޙުސައިންދީދީ އަށެވެ. އޭނާއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ޚާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަލީ ހުސެއިންއަށް ރުހުން ދެއްވުމަށް ފާސްވީ 46 މެމްބަރުންގެ ވޯޓުންނެވެ.