ޚަބަރު

ވެންޓިލޭޓަރު މައްސަލަގައި ކުރީގެ ހެލްތު މިނިސްޓަރ އަމީންއަށް ދައުވާ ނުކުރަން ނިންމައިފި


ކޯވިޑާ ގުޅިގެން ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލާއި ދައުވާ ކުރަން ފޮނުވި މީހުންގެ ތެރެއިން ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއާއި ބައެއް އެހެން މީހުންނަށް ދައުވާ ނުކުރަން ނިންމައި އޭސީސީން މައްސަލަ ފައިލްކޮށްފިއެވެ.

ވެންޓިލޭޓަރު މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކުރަން އޭސީސީން ވަނީ 2 ފަހަރެއްގެ މަތީން ޕީޖީ އޮފީހުގައި އެދިފައެވެ. ނަމަވެސް އޭސީސީން ދައުވާ ކުރަން ފޮނުވިއިރު، ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ އެކަންކަން ފުރިހަމަ ކުރުމަށް ޕީޖީ އޮފީހުން ވަނީ އޭސީސީއަށް ފޮނުވާފައެވެ.

ކޯވިޑްގެ ފަރުވާއަށް ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ބަޔަކާއެވެ. މި މައްސަލައިގެ ތަޙުޤީޤު ނިންމާ އެސީސީން ދައުވާކުރަން ފޮނުވީ އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑްކޮމެޓީގައި ހިމެނޭ ބައެއް މެމްބަރުންނާއި މިނިސްޓްރީގެ އިސް ބައެއް ވެރިންގެ މައްޗަށެވެ.

ނަމަވެސް މިމައްސަލާގައި ޕީޖީ އޮފީހުން ދައުވާ ކުރުމާއިމެދު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރ އަމީންއާއި އަދި އެހެން ބައެއް މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭސީސީއަށް ފޮނުވުމުން އޭސީސީން ވަނީ މައްސަލަ މިހާރު ފައިލްކޮށްފައެވެ. ވެންޓިލޭޓަރުތައް ގަތުމަށް ދިވެހި ދައުލަތުން 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި ނަމަވެސް އޭގެތެރެއިން ލިބިފައިވަނީ މަދު އެއްޗެކެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން އާބިޓްރޭޝަނަށް ދިއުމަށް މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ، ކޯވިޑުގެ ފުރަތަމަ ރާޅާއެކު ބަލީގެ ޙާލަތު އަތްނުފޯރާފަށަށް ހިނގައިދާނެތީ، ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގޮތުން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާއެކު ވަނީ އެއްބަސްވެ ވިޔަފާރީގެ މުޢާމަލާތް ހިންގާފައެވެ. އަދި އެކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ފަރާތުން ދައްކާފައިވެއެވެ.

މިހާތަނަށް އައިއިރުވެސް މި ފައިސާއަށް ވާވަރަށް ވެންޓިލޭޓަރު ލިބިފައެއް ނުވެއެވެ. އެއްބަސްވުމުގެ ދަށުން ލިބުނީ އެންމެ 15 ވެންޓިލެޓަރެވެ. އެއީވެސް ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށް ވުމުން ދައުލަތުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ. އެއީ މި އެއްބަސްވުމުގެ ފުރަތަމަ ޝިޕްމަންޓުކަމަށް ދުބާއީ ކުންފުނިން ބުނެއެވެ.