ޚަބަރު

އެމްޑީޕީ ހިންގުމުގައި ކައުންސިލްތަކާއި، ގޮފިތަކުގެ ދައުރު ބޮޑުވާންޖެހޭ: ރައީސް


ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ ހިންގުމުގައި އެމްޑީޕީގެ ކައުންސިލްތަކާއި، ޕާޓީގެ ގޮފިތަކަށް އިތުރު ފުރުސަތު ފަހިވަންޖެހޭކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ 4ވަނަ ކޮންގްރެސްގައި އަސާސީ ގަވާޢިދަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، އެމްޑީޕީ ހިންގުމުގައި މިހާތަނަށްވެސް ކައުންސިލްތަކަށް އެންމެ އެކަށީގެންވާ ދައުރެއް ދެވިފައި ނުވާކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ އިސްލާހު ތަކުގައިވެސް އެޖާގަ އެންމެ އެކަށީގެންވާ ގޮތަކަށް ދެވިފައިނުވާކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އެންމެ ބޮޑަށް އިސްކަމެއްދޭ ޕާޓީއަށްވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޚާބު ވެފައިވާ އެމްޑީޕީގެ ކައުންސިލްތަކަށް އެމްޑީޕީގެ ޤައުމީ މަޖިލީހާއި، އެމްޑީޕީގެ ކޮންގްރެސްފަދަ ބޮޑެތި ސިޔާސީ ހަރަކާތްތަކުން ޖާގަ ލިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ހުރިހާ ކައުންސިލްތަކަށް އެޖާގަ ނުދެވޭނަމަ ސިޓީ ތަކަށް އެޖާގަ ދީގެން ނަމަވެސް ކައުންސިލްތަކަށް އެމްޑީޕީ ހިންގުމުގެ ފުރުސަތު ލިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ޕާޓީގެ ހަރަކާތްތައް ހިންގުމުގައި ޕާތީގެ ގޮފިތަކުގެ ދައުރުވެސް މިހާރަށްވުރެ ބޮޑުކުރަން ޖެހޭކަމަށެވެ. ކޮންމެ ކޮންގްރެސްއަކާއި ގުޅިގެން އިންތިޚާބެއް ބާއްވައިގެން ކޮންގްރެސްގައި ބައިވެރިވާ މީހުން ކަނޑައެޅުމުގެ ބަދަލުގައި ގޮފިތަކުގެ ރައީސުންނަށް އެޖާގަ ދެވޭގޮތަށް އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަކީވެސް ބޭނުން ތެރި ކަމެއްކަމަށެވެ.

އެމްޑީޕީ ހިންގުމުގައި އެންމެ އިސްކަންދޭންވީ ޕާޓީގެ ގޮފިތައް ހަރުދަނާކޮށް، ހިންގޭނެ ގޮތްތަކެއް ފަހިކުރުމަށް ކަމަށް ރައީސް ވިދާޅުިވިއެވެ.