ދުނިޔޭގެ ވިޔަފާރި

ކޮންސިއުމަރ އިލެކްޓްރޯނިކްސް އުފައްދާ ޝިއޯމީގެ އާމްދަނީ ދަށްވެއްޖެ


ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ހަރުކަށި ހުރަސްތަކާއި ހެދި ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯނު މާކެޓްކަމަށްވާ، ޗައިނާގެ ވިޔަފާރި ދަށްވުމުން ކޮންސިއުމަރ އިލްކެޓްރޯނިކްސް އުފައްދާ ޗައިނާގެ ޝިއޯމީ ކޯޕަރޭޝަންގެ އާމްދަނީ އަހަރުގެ ދެވަނަ ކުއާޓަރުގެ ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

އަހަރުން އަހަރަށް ބަލާއިރު ކުންފުނީގެ ވިޔަފާރި ވަނީ 20 އިންސައްތަ ދަށްވެ، 10.31 ބިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. މިއީ ކުރިން ލަފާކުރިވަރަށްވުރެ ދަށް އަދަދެކެވެ. އަދި ކުރީ ކުއާޓަރާއި އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

ސާފު އާމްދަނީ 67 އިންސައްތަ ދަށްވެ، 2.08 ބިލިއަން ޔުއާންއަށް އަރާފައިވާއިރު، ދިރާސާކުރަ ފަރާތްތަކުން ލަފާކުރީ މިއަށްވުރެ މަތީ އާމްދަނީއެއް ލިބޭނެކަމަށެވެ. ޗައިނާގައި އަލުން ކޯވިޑުގެ ބަލިމަޑުކަން ފެތުރުމުގެ ސަބަބުން ޗައިނާގެ ބާޒާރުގައި ޑިމާންޑު ދަށްވީކަމަށް ޝިއޯމީގެ ރައީސް ވަންގް ޝިއާންގް ވިދާޅުވިއެވެ.

ވަންގް އިތުރަށް ވިދާޅުވީ ތެލުގެ އަގު އުފުލުމާއި، އިންޕުޓް ހަރަދާއި، އިންފްލޭޝަންގެ ސަބަބުން ޗައިނާއިން ބޭރުގެ ވިޔަފާރިއަށްވެސް އަސަރުކުރި ކަމަށެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ހެދި، އިގްތިސާދަށް ކޮށްފައިވާ އަސަރުގެ ސަބަބުން އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޝަންހާއީ އާއި އެހެނިހެން ސިޓީތައް ހިމެނޭގޮތަށް ޗައިނާގެ ކޮންސިއުމަރ ކޮންސަމްޕްޝަން އަލުން އަރައިގަތުމަށް ވަނީ ދަތިވެފައެވެ.

މި ހަފްތާގެ ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާގެ އިގްތިސާދީ ދުވެލި ޖުލައިމަހު ހީވެސް ނުކުރާ ގޮތަކަށް މަޑުޖެހުނީ ކޯވިޑްގެ ހުރަސްތަކުގެ ސަބަބުން ޖޫން ކުއާޓަރުގައި ކުރިއެރުމަށް ލިބުނު ގެއްލުމުން އަރައިގަންނަން އުނދަގޫވުމުގެ ސަބަބުންނެވެ.

އިގްތިސާދީ ދުވެލި މަޑުވުމުގެ ސަބަބުން ޗައިނާގެ ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައިވާ ސްމާޓްފޯނުގެ ވިޔަފާރިއަށް ވަނީ އަސަރުކޮށްފައެވެ. މިއާއެކު ޝިއޯމީގެ ޖުމްލަ އާމްދަނީގެ ދެބައިކުޅަ އެއްބައި ލިބޭ ސްމާޓްފޯނު ވިއްކުން 29 އިންސައްތަ އަށް ވަނީ ދަށްވެފައެވެ.


އިންޑިއާގެ ޓެކްސް އިދާރާތަކުން މިދިޔަ އޭޕްރީލްމަހު ވަނީ ރޯޔަލްޓީ ޕޭމަންޓްގެ ނަމުގައި ގަވާއިދާ ހިލާފަށް އިންޑިއާއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރި ކަމަށް ބުނެ އެ ކުންފުނީގެ 725 މިލިއަން ޑޮލަރުގެ އެސެޓް އަތުލާފައެވެ. ނަމަވެސް ޝިއޯމީ އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.