ޚަބަރު

ޑަބްލިޔުޑީސީގެ ބައި އިލެކްޝަންތައް އެއް ފަހަރާ ބާއްވަން އިސްލާހެއް!


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭ ކަމުގައިވާނާމަ، ބައި އިލެކްޝަންތައް ކޮންމެ އަހަރަކުވެސް އެއްފަހަރާ ވަކި ތާރީހެއްގައި ބޭއްވުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ލާމަރުކަޒީ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒޭނާ އާދަމްއެވެ.

އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ކައިރިކަރީގައި ބާއްވަން ޖެހުމަކީ އިލެކްޝަން ކޮމިޝަނުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. އިންތިޚާބުވާ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީގެން ކޮންމެ 60 ދުހަކުން އިންތިޚާބު ބާއްވަންޖެހޭ ގޮތަށް މިހާރު ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އިލެކްޝަން ކޮމިޝަނާއި، އެލްޖީއޭގެ މަޝްވަރާގެ މަތީން ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ހިންގަނީ، އިލެކްޝަންގެ އިރުޝާދުގެ ބެއްލެވުގެ ދަށުން އެއަންހެނުންގެ ކޮމެޓީއެއް ނިސްބަތްވާ އަތޮޅު ކައުންސިލަކުން ކަމަށެވެ. އިންތިޚާބުތައް ބާއްވާނީ އަންހެނުންގެ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭނަމަ ކޮންމެ އަހަރަކު އެއްފަހަރު ކަމަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

މިމައްދާގެ އިތުރުންވެސް އަންހެނުންގެ ކޮމެޓީތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާށާއި، ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނޭ ގޮތަކަށްވެސް އިސްލާހު ތަކެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ކޮމެޓީތަކުން ނިންމާ ނިންމުންތައް ކައުންސިލްތަކުން ތަންފީޒު ކުރުމާއި، އަންހެނުންގެ ކޮމެޓީތަކާއި ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށްޓަކައި ބައެއް މާއްދާތައްވެސް ވަނީ ހުށަހަޅާފައެވެ.

އަންހެނުންގެ ކޮމެޓީތަކުން ފާހަގަކޮށްފައިވާ މައްސަލަތަކަށްވެސް ހައްލު އަންނާނެގޮތަކަށް ޤާނޫނަށް ހުށަހަޅާފައިވާ މިއިސްލާހުތައް ފާސްވުމުން، މިހާރު އަންހެނުންގެ ކޮމެޓީތަކަށް ހުރި ގޮންޖެހުންތަކަށް ހައްލު އަންނާނެއެވެ. އަދި މިއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އަންހެނުންގެ ކޮމެޓީތަކަށް މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ގެނެވޭ މުހިންމު އިސްލާހުތަކެއްކަމަށް މެމްބަރު ރޮޒޭނާ ވިދާޅުވިއެވެ.