ޚަބަރު

މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މަޤާމުން ވަކިކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުޙައްމަދު ޙަލީމް މަޤާމުން ވަކިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުޙައްމަދު ޙަލީމް މިއަދު މަޤާމުން ވަކިކޮށްފައިވާއިރު، އޭނާ ސަސްޕެންޝަނުގައި ހުންނަވާތާ ވަނީ ދޮޅު އަހަރު ވެފައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ މަޖިލީހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިމައްސަލައިގެ ތަފްސީލެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިނުވެއެވެ.

ހަލީމް މަޤާމުން ވަކިކޮށްފައިވަނީ މަޖިލީހުގެ އާންމު ކޮމެޓީން މިކަމާއި ގުޅޭގޮތުން ބެލި ކަންކަމަށްފަހު މަޖިލީހަށް ހުށަހެޅުނު ރިޕޯޓަށްފަހުއެވެ. ހަލީމް ވަކިކޮށްފައިވަނީ 25 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މުޙައްމަދު ޙަލީމް އެންމެ ފުރަތަމަ އައްޔަން ކުރައްވާފައިވަނީ 19 ނޮވެންބަރު 2013 ގައެވެ. އޭގެފަހުން 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހު އޭނާ ވަނީ އެމަޤާމުގެ ދެވަނަ ދައުރަކަށް އައްޔަންކޮށްފައެވެ.