ޚަބަރު

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި 4 މީހަކަށް ދައުވާ އުފުލައިފި


އެއްޖިންސުން ގުޅުން ހިއްގިކަމުގެ ތުހުމަތުގައި 4 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 4 މީހެއްގެ މައްޗަށް، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ މިމަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

ދައުވާކުރަން ކޯޓަށް ފޮނުވާފައިވާ މީހުންނަކީ، ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރްއާއެކު ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި މީހުންގެ ތެރެއިން ކޮންބަޔަކަށް ކަމެއް ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. މިމައްސަލާގައި ފުލުހުން ވަނީ 4 މީހަކު ހައްޔަރު ކުރުމަށްފަހު މިހާރު މިމީހުން ދޫކޮށްލާފައެވެ.

މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަަށް ފުލުހުން ފޮނުވާފައިވަނީ ގާނޫނުލް އުގޫބާތުގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ. މި ދެ ގާނޫނަކީ، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާ ދެ ގާނޫނެވެ.