އިނގިރޭސިވިލާތުގެ ވޮޑަފޯނުގެ ހަންގޭރީ ވިޔަފާރި ވިއްކާލަން ނިންމައިފިއެވެ.
ހަންގޭރީގެ ވިޔަފާރި ވިއްކާލަނީ 1.8 ބިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާއަށް އެ ގައުމުގެ އައިޓީ ކުންފުންފުންޏެއް ކަމަށްވާ 4އައިޖީ އަށެވެ. ހަންގޭރީގެ ވިޔަފާރި ވިއްކާލަން ވޮޑަފޯނުން ނިންމީ ޓެލެކޮމް ދާއިރާއާ މެދު ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރބަންގެ ސަރުކާރުގެ ނުފޫޒުފޯރުވަން ފެށުމުންނެވެ.
ވޮޑަފޯނުން ވިއްކާލަން ނިންމާފައިވާ މި ވިޔަފާރިއަކީ ހަންގޭރީގެ ދެވަނައަށް އެންމެ ބޮޑު ޓެލެކޮމް އޮޕަރޭޓަރ ކަމަށް ބެލެވެއެވެ. މި ވިޔަފާރީގައި 4އައިޖީގެ މެޖޯރިޓީ %51 ހިއްސާ އޮންނައިރު ހަންގޭރީގެ ދައުލަތުގެ %49 ހިއްސާ އޮވެއެވެ.
4އައިޖީ އާއި ވޮޑަފޯން އެއްކޮށްލުމަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ދާއިރާގައި ހަންގޭރީގެ ގައުމީ ޗެމްޕިއަނެއް ބިނާކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.
ހަންގޭރީގެ އިގްތިސާދީ ތަރައްގީއާއިބެހޭ ވަޒީރު މާޓަން ނާގީ ނެރުއްވި ބަޔާނެއްގައި ވަނީ މުހިންމު ދާއިރާތަކުގެ މިލްކުވެރިކަން ހޯދުމުގައި ސަރުކާރުން ކާމިޔާބު ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ދައުލަތުގެ މިލްކުވެރިކަމުގެ ހިއްސާއެއް އޮންނަ ހަންގޭރީގެ ކުންފުންޏަކަށް ޓެލެކޮމްސް މާކެޓުގައި ވެސް މުހިންމު ދައުރެއް އަދާކުރުމުގެ ފުރުސަތު އެބައޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ދާއިރާގައި ހަންގޭރީގެ މިލްކުވެރިކަމުގެ ގައުމީ ޗެމްޕިއަނެއް ބިނާކުރުމަށް ހަންގޭރީ ސަރުކާރުގެ ސާފު ސްޓްރެޓެޖީއެއް އެބައޮތްކަމަށް ވޮޑަފޯނުގެ ޗީފް އެގްޒެކެޓިވް ނިކް ރީޑް ނެރުނު ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.
2010 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި އޮރބަން ވަނީ ހަކަތަ، ބޭންކިން އަދި މީޑިއާ ފަދަ ދާއިރާތަކުށް ސަރުކާރުގެ ނުފޫޒު ފުޅާކޮށް، އަދި މިއީ ޓެލެކޮމް ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބޮޑުވަޒީރުގެ ސަރުކާރުން ކުރި ކަމެއްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އޭޕްރީލް މަހު ޖެހިޖެހިގެން ހަތަރު ވަނަ ދައުރަށް އަލުން އިންތިހާބުވި ސަރުކާރުން މުހިންމު ގިނަ ދާއިރާތަކެއްގައި ސީދާ ބައިވެރިވުން ފުޅާކުރަމުންދާއިރު، ހަންގޭރީގެ ވެރިކަންކުރާ ފިޑެޒް ޕާޓީއާ ގާތް ވިޔަފާރިވެރިން އަންނަނީ އެ ގައުމުގެ ބައެއް ދާއިރާތަކަށް ނުފޫޒު ފޯރުވަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.