ދުނިޔޭގެ ވިޔަފާރި

ފޯޑުން މުވައްޒަފުން މަދުކުރަނީ


މުސާރަ ލިބޭ އަދި ކޮންޓްރެކްޓް ވަޒީފާތަކުގެ ތެރެއިން ޖުމްލަ 3000 ވަޒީފާ މަދުކުރަން އެމެރިކާގެ މަލްޓިނޭޝަނަލް އޮޓޯމޮބައިލް އުފައްދާ ކުންފުނި ފޯޑު މޮޓޯއިން ނިންމައިފިއެވެ.

ފޯޑުން މިގޮތަށް ނިންމީ ސޮފްޓްވެއާ ޑްރައިވް އިލެކްޓްރިކް ވެހިކަލްތައް އުފެއްދުމުގެ ރޭހުގައި ޓެސްލާ އިންކް އާއި އެއްވަރަށް ކުރިއަށް ދިއުމަށް ރީސްޓްރަކްޗަރ ކުރުމުގެ ގޮތުންނެވެ.

ފޯޑުގެ ޗީފް އެގްޒެކެޓިވް ޖިމް ފާރލީ ހާމަކުރި ގޮތުގައި ޑިއާބޯން، މިޝިގަންގެ އޮޓޯ އުފައްދާ ކާރުޚާނާގައި މީހުން ގިނަ ކަމަށާއި، އޮޓޯ އިންޑަސްޓްރީ އިލެކްޓްރިކް ވެހިކަލްތަކާއި ޑިޖިޓަލް ޚިދުމަތްތަކަށް ބަދަލުވާއިރު ބޭނުންވާ ހުނަރު މިހާރު ތިބި މުވައްޒަފުންގެ ނެތް ކަމަށެވެ.

މުވައްޒަފުން މަދުކުރުމުން ކުންފުންޏަށް އަސަރުކުރާނެ ކަމަށް ފޯޑުން ވަނީ ބުނެފައެވެ. ފޯޑުގެ ހިއްސާގެ އަގުވެސް އިއްޔެ ވަނީ %4.8އަށް ދަށަށްވެފައެވެ.

އެހެން ކުންފުނިތަކެކޭ އެއްފަދައިން ފޯޑްގައި ވެސް ގިނަ ބަޔަކު ވަނީ ވަޒީފާތަކަށް ނަގާފައެވެ. ޓެސްލާ ފަދައިން ފޯޑަށް ވެސް ބޭނުންވަނީ ޑިޖިޓަލް ސޮފްޓްވެއާ އާއި ކަނެކްޓިވިޓީއަށް ބަރޯސާވާ ހިދުމަތްތަކުގެ ތެރެއިން އިތުރު އާމްދަނީއެއް ހޯދުމެވެ.

ޓެކްސް ނެގުމުގެ ކުރިން ޓެސްލާއަށް ލިބުނު ފައިދާ މިއަހަރު ފޯޑަށް ލިބުނު ފައިދާއަށް ވުރެ އިތުރުވެފައިވާއިރު، ފޯޑުގެ ޗީފް އެގްޒެކެޓިވްވަނީ ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ބެޓެރީއާއި ރޯ މެޓީރިއަލް އަދި ޝިޕިންގގެ އަގުތައް މައްޗަށް ދިއުމުގެ ސަބަބުން ފޯޑާއި އެހެނިހެން ކާރު އުފައްދާ ކުންފުނިތަކަށްވެސް އަންނަނީ ޕްރެޝަރާއި ކުރިމަތިވަމުންނެވެ.

އިންފްލޭޝަންގެ ސަބަބުން ޚަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައިވެސް ފޯޑުން އަދިވެސް އަހަރުގެ ފައިދާ ލިބޭނެ ކަމަށް ލަފާކުރި ގޮތަށް ބަދަލު ގެނެސްފައެއްނުވެއެވެ.