ޚަބަރު

ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދަން އިސްލާހު ހުށަހަޅުއްވައިފި


ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ޖިނާއީ އިޖުރާއަތު ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އިސްލާހު ހުށަހަޅުއްވައިފިއެވެ.

މިދެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ގާސިމް ވިދާޅުވެފައިވަނީ، މި އިސްލާހު ހުށަހެޅުއްވީ ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެންޖެހޭ ކުށްތަކެއްކަމަށް ގަބޫލު ކުރައްވާތީ ކަމުގައެވެ.

ގާސިމް ވިދާޅުވީ މިއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުފައި ނުވާނަމަ، މިއީ އާދައިގެ ކުށްތަކުގައި ދެކި، ތަހުގީގީ މަރުހަލާ ނިމުމަށްފަހުވެސް މުޖުތަމަޢަށް ދޫވެ ދިއުމުން މި ކުށްތައް ތަކުރާރު ކުރުމުގެ ފުރުސަތު އެފަރާތްތަކަށް ފަހިވެފައި އޮންނާނޭ ކަމުގައެވެ.

މި އިސްލާހު ހުށަހަޅުއްވަމުން ގާސިމް ފާހަގަ ކުރައްވާފައިވާ ގޮތުގައި، މިފަދަ ނުބައި އަމަލުތައް ހިންގާ ފަރާތްތައް މުޖުތަމަޢުން އެކަހެރި ކުރެވެން ޖެހެއެވެ. އަދި އެމީހުން މުޖުތަމަޢުން އެކަހެރި ނުކުރެވިއްޖެނަމަ، އެމީހުންގެ ވަސްވާހުގައި ޖެހި، އޭގެ އަސަރުތައް އެމީހުންގެ އާއިލާތަކަށާއި އަދި މުޅި މުޖަތަމައަށްވެސް ފޯރުމުގެ ފުރުސަތު އޮނާނެ ކަމަށްވެސް ގާސިމް ވިދާޅުވެފައިވެއެވެ.

ލިވާތު ކުރުމާއި ސިޙާގު ކުރުމަކީ ގާނޫނީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅަން މަޖިލީހަށް އިސްލާހު ހުށަހެޅުއްވި އިރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުންހިންގި ގިނަ ބައެއްގެ ވީޑިއޯތަކެއް ދަނީ ލީކު ވަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ބަންދުވެސް ކުރެވުނެވެ. އަދި މިހާރު އޭގެ ތެރެއިން 4 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށްވަނީ ހުށައަޅާފައެވެ.

ޤާނޫނުގައި މިހާރު އޮންނަ ގޮތުން ޖިންސީ ކުށެއް ސާބިތުވެއްޖެނަމަ އެމީހަކަށް ފަސް އަހަރާއި، ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ޤާނޫނުލް އުޤޫބާތުގެ ދަށުންވެސް އެމީހަކަށް ޖަލުހުކުމެއް އިއްވާނެއެވެ.