ޚަބަރު

މެމްބަރުންގެ އަދަދު 87ގައި ހިފެހެއްޓުމަށް އިސްލާހެއް


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް، ޤާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފިއެވެ.

ޤާނޫނު އަސާސީއަށް މިއިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްއެވެ. ޤާސިމްގެ މިއިސްލާހަކީ ޤާނޫނު އަސާސީގައި މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި އެއަށްވުރެ އިންތިޚާބީ ދާއިރާތައް އިތުރު ނުވާނޭ ގޮތަކަށް ޤާނޫނު އަސާސީގައި ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ. އަދި މިއިސްލާހުގައި ވާގޮތުން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރެވޭނީ އެއް މެމްބަރަކު ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޤާސިމްގެ އިސްލާހުގައި ބުނެފައިވަނީ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކު ދައުރެއް ނިމޭއިރު އިތުރުވާ ގޮތަށް އޮވެއްޖެނަމަ އެއީ ރާއްޖެފަދަ ކުޑަ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަކަށް އެކަށީގެން ނުވާ އަދަދަކަށް ވެދާނެކަމަށެވެ. އަދި މިގޮތަށް މެމްބަރުންގެ އަދަދު އިތުރުވާނަމަ އެއީ އިޤްތިޞާދީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއްކަމަށް ފެނިވަޑައި ގަންނަވާ ކަމަށް ޤާސިމްގެ އިސްލާހުގައި ވިދާޅުވެފައިވެއެވެ.

އާ ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއްގައިވެސް މަޖިލީހުގެ އިދާރީ ދާއިރާތައް ވަނީ އިތުރުވެފައެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ.

ޤާނޫނު އަސާސީގައި މިހާރު ބުނާގޮތުން ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެމްބަރަކު އިންތިޚާބު ކުރަންޖެހެއެވެ.