ޚަބަރު

ޕްރިޒަން އޮފިސަރުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ކަރެކްޝަނުން ވިދާޅުވީ ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައިވެސް ބޮޑީވޯރން ކެމެރާ ބޭނުންކުރާނެ ކަމަށެވެ. ބޮޑީވޯރން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެއެވެ. އަދި ޖަލުތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުޤީޤުކުރަންޖެހޭ ޙާލަތުގައި، އެމްސީއެސްގެ އެތެރޭންނާއި ބޭރުން ތަހުޤީޤުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިންގ އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވެގެންދާނެއެވެ.

މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުޙިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެކެވެ.

ފްރީ ޓްރަޔަލްއެއްގެ ގޮތުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ ދިވެހިރާއްޖޭގެ ޑިސްޓްރިބިއުޓަރ ޒެޓާ ޓެކްނޮލޮޖީސްއާއެކު 17 ފެބްރުއަރީ 2022 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުނެވެ. މުސްތަޤްބަލްގައި މި ކެމެރާތައް ދާއިމީކޮށް ބޭނުންކުރަން ފަށާނެކަމަށްވެސް ކަރެކްޝަނުން ވަނީ ވިދާޅުވެފައެވެ.

ކަރެކްޝަނުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށާފައިވާއިރު، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ފުލުހުންގެ އޮޕަރޭޝަންތަކުގައި "ބޮޑީ ވޯން ކެމެރާ" ބޭނުންކުރަން ވަނީ ފަށާފައެވެ.