ދުނިޔޭގެ ވިޔަފާރި

ބްރެޒިލްގެ މިއަހަރުގެ އިންފްލޭޝަން ދަށްވާނެކަމަށް ލަފާކޮށްފި


ބްރެޒިލްގެ މިއަހަރުގެ އިންފްލޭޝަން %6.5 އަށް ދަށްވާނެކަމަށް ލަފާކުރައްވާކަމަށް މަރުކަޒީ ބޭންކުގެ ވެރިޔާ ރޮބަޓޯ ކެމްޕޮސް ނެޓޯ ވިދާޅުވެއްޖެއެވެ.

އިންފްލޭޝަން ދަށްވާނެކަމަށް ލަފާކޮށްފައި މިވަނީ މުހިއްމު މުދަލުން ނަގާ ޓެކްސް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ.

6.5% އަށް އިންފްލޭޝަން ދަށަށްދާނެކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު، އިގްތިސާދީ މާހިރުން ލަފާކޮށްފައިވާގޮތުން ބްރެޒިލްގެ އިންފްލޭޝަން ދަށްވާނީ 6.82 % އަށެވެ. ސަރުކާރުގެ އަންދާޒާއަކީ އިގްތިސާދީ މާހިރުންގެ އަންދާޒާއަށްވުރެ މާ އުންމީދީ އަންދާޒާއެކެވެ.

މި އަހަރު އިންފްލޭޝަން ގާތްގަނޑަކަށް %6.5 އަށް ނުވަތަ އެއަށްވުރެ ދަށްވުންވެސް އެކަށީގެންވާކަމަށާއި އެއީ އަދިވެސް ބުރަ މަސައްކަތެއް އޮތްކަން ދޭހަކޮށްދޭ ކަމެއްކަމަށް ނެޓޯ ވަނީ ވިދާޅުވެފައެވެ.

ޖުލައި މަހު ދަށްވުމަށްފަހު، 12 މަސް ދުވަހުގެ ތެރޭގައި ބްރެޒިލްގެ ކޮންސިއުމަރ އަގުތައް ވަނީ %10.07 އަށް އުފުލިފައެވެ.

މަރުކަޒީ ބޭންކުން މިހާރުވެސް ވަނީ %13.75 އަށް ބްރެޒިލްގެ އިންޓަރެސްޓް ރޭޓު މަތިކޮށްފައެވެ. މިދިޔަ އަހަރުގެ މާޗްމަހު މި އަދަދު ވަނީ ރެކޯޑު އަދަދެއްކަމަށްވާ %2 އަށް ދަށްކޮށްފައެވެ. އަދި މަރުކަޒީ ބޭންކުން ވަނީ އެމީހުންގެ ހަރުކަށި މާލީ އުސޫލުތައްވެސް ބަދަލުކުރާނެކަމުގެ އިޝާރާތެއް ދީފައެވެ.

ނެޓޯ ވިދާޅުވިގޮތުގައި ކޯ އިންފްލޭޝަން މިހާރު ވަނީ މެދުމިނަށް ދާން ފަށާފައެވެ. މިއާއިއެކު ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ލަފާކުރާ ގޮތުން އެޑްމިނިސްޓްރޭޓް ކުރެވިފައިވާ އަގުތައް ދަށަށް ގޮސް ކާބޯތަކެތީގެ އަގުތައްވެސް ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅޭނެއެވެ.