ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް މިއުވާން މުހައްމަދު ހަމަޖައްސަވައިފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަޤާމުގައި މިހާތަނަށް ހުންނެވި މިއުވާން ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހަމަޖައްސަވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިމަޤާމަށް މިއުވާން ހަމަޖައްސަވާފައިވަނީ މިހާތަނަށް އެމަޤާމު ފުރުއްވަމުން ގެންދެވި މުހައްމަދު މަބުރޫކް އަޒީޒު އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމު އުފައްދަވައި އެމަޤާމަށް މަބުރޫކް އައްޔަން ކުރެއްވީ 2021 ޖަނަވަރީ 1 ވަނަ ދުވަހުއެވެ. މަބްރޫކް އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ އޮފީހާއި ސަރުކާރަށް އޭނާ ކޮށްދެއްވާފައި ވަނީ ވަރަށް އިޚުލާސްތެރި، އަދި އަގުހުރި ޚިދުމަތްތަކެއްކަން ފާހަގަކޮށް އޭނާ ކޮށްދެއްވާފައިވާ ތަޢުރީފު ހައްޤު މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް މިއަދު އައްޔަން ކުރެއްވި މިއުވާނަކީ މީޑިއާގެ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައިވާ މީޑިއާތަކާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.