ޚަބަރު

އިންސާފު ހޯދުމަށްޓަކައި ކުށްކުރާ ފަރާތްތަކަށް އަނިޔާވެރި ނުވުމަށް ފުލުހުންގެ އިލްތިމާސެއް!


ޖިނާއީ އެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން ކުރާ ކުށްތަކަށް އިންސާފު ހޯދުމުގެ ނަމުގައި ކުށްތައް ކުރާ ފަރާތްތަކަށް އަނިޔާވެރިވެ، އިންސާނިއްޔަތާއި ޚިލާފް އަމަލުތައް ނުހިންގުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން މިހެން ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ހިންގޭ އެކި ކުށްތަކާއި، ގުޅިގެން އާންމުންގެ ތެރެއިން ބައެއް މީހުން ކުށްތަކަށް އަރައިގަންނަ މީހުންނަށް އަނިޔާކޮށް ހިންގަމުންދާ އަމަލުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައެވެ. ފުލުހުން ވިދާޅުވީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާކަމަށެވެ.

އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުމަކީ ނުހަނު ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގާދާނެފަދަ އަމަލުތަކެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޖިނާއީ ކުށްތަކުގެ ތެރެއިން އާންމުން ނިކުމެ ކުށްކުރާ މީހުންނަށް އަނިޔާވެރި އަމަލުތައް ހިންގާވާފައިވަނީ ޖިންސީ ކުށްތަކުގައާއި، ވައްކަމުގެ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށްކަން ފާހަގަކޮށްލެވެއެވެ. މިމައްސަލަތަކުގައި ޝާމިލުވާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިމީހުންގެ މައްސަލަތައް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.