ދުނިޔޭގެ ވިޔަފާރި

އައިއެމްއެފްއިން ލަންކާގެ ރައީސާއި ބައްދަލުކުރަން ނިންމައިފި


ގާތްގަނޑަކަށް 29 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރކުރުން ހިމެނޭގޮތަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ މާލީ އެހީ ފުޅާކުރުމުގެ މަޝްވަރާތައް ކުރުމަށް އައިއެމްއެފްގެ ޓީމަކުން ސްރީލަންކާގެ ރައީސާއި ބައްދަލުކުރަން ނިންމައިފިއެވެ.

މިއީ ތިން މަސް ދުވަހުގެ ތެރޭގައި އައިއެމްއެފްއިން ލަންކާއަށް ކުރާ މިފަދަ ދެވަނަ ދަތުރެވެ. މި ދަތުރު ކުރަނީ 3 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ހިންގުމަށް ލޮކްޑައުން ކުރަން ލަންކާއިން އުޅެމުންދާ ދަނޑިވަޅެއްގައެވެ.

އައިއެމްއެފްގެ ޓީމުން މިއަދުގެ ވަގުތެއްގައި ލަންކާގެ ރައީސާއި މާލީ ވުޒާރާގެ ވަފުދަކާއި ބައްދަލުކުރާނެކަމަށް ހަބަރުތައް ބުނެއެވެ.

ލަންކާގެ ފައިނޭންޝަލް އެންޑް ލީގަލް އެޑްވައިޒަރުން ކަމަށްވާ ލާޒާޑްސް އާއި ކްލިފޯޑް ޗާންސްގެ މަންދޫބުން ހިމެނޭ ގޮތަށް މަރުކަޒީ ބޭންކުގެ ގަވަރުނަރާއި އެހެނިހެން އޮފިޝަލުންނާވެސް އެ ޓީމުން މަޝްވަރާ ކުރާނެއެވެ. މި މަޝްވަރާތަކުގެ މައިގަނޑު މައުލޫއަކަށް އޮތީ މިދިޔަ އަހަރު ނިމުނުއިރު ޖީޑީޕީގެ 114% ގައި އޮތް ލަންކާގެ ބޮޑު ދަރަންޏަށް ދެމެހެއްޓެނިވި ހައްލެއް ހޯދާނެ ގޮތެވެ.

މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި ލަންކާގެ ބައިލޭޓަރަލް ދަރަނީގެ ގޮތުގައި 9.6 ބިލިއަން އެމެރިކާ ޑޮލަރު އޮތްއިރު ބައިނަލްއަގްވާމީ ސޮވަރިން ބޮންޑްތައް ހިމެނޭ ޕްރައިވެޓް ކްރެޑިޓްގެ ގޮތުގައި 19.8 ބިލިއަން އެމެރިކާ ޑޮލަރު އެބައޮތެވެ.

ޖަޕާނާއި ޗައިނާއަކީ ލަންކާގެ ބައިލެޓަރަލް ދަރަނި އެންމެ ބޮޑު ދެ ގައުމެވެ. ޗައިނާއަށް ލަންކާއިން ދައްކަންޖެހޭ ދަރަނީގެ އަދަދު ގާތްގަނޑަކަށް 3.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާއަށް ވަނީ އެތައް މަސްތަކެއް ވަންދެން އިންފްލޭޝަން މައްޗަށް ދިއުމާއި، އިގްތިސާދީ ދަތިކަމުގެ އިތުރުން ބޭރު ފައިސާގެ ރިޒާވްގެ ދަތިކަމާއިވެސް ކުރިމަތިލާން ޖެހިފައެވެ. ކާބޯތަކެއްޗާއި ތެލާއި ބޭސް އަދި އެނޫންވެސް މުހިންމު ތަކެތީގެ ދަތިކަމާއިވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.

1948 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންވީ ފަހުން ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު މާލީ ދަތިކަން ކުރިމަތިވީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ބަލިމަޑުކަމާއި އިގްތިސާދީގޮތުން އަޅާފައިވާ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ.