ދުނިޔޭގެ ވިޔަފާރި

ކެޕިޓަލް އޭ ބީއެޗްޑީ އަށް ގެއްލުން ކުޑަވެއްޖެ


ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމުން ދަތުރުފަތުރުގެ ޑިމާންޑު ރަގަޅުވެ ދެވަނަ ކުއާޓަރުގެ އޮޕަރޭޓިންގް ގެއްލުން ކުޑަވެފައިވާކަމަށް މެލޭޝިއާގެ ބަޖެޓް އެއާލައިން، އެއާއޭޝިއާގެ ބެލެނިވެރި ކުންފުނި، ކެޕިޓަލް އޭ ބީއެޗްޑީ އިން ބުނެފިއެވެ.

ދުނިޔޭގައި ވިޔަފާރިއާއި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއި ގުޅިގެން އެ ކުންފުނީގެ މުސްތަގުބަލު ރަނގަޅު ވާނެ ކަމަށް ފެންނަ ކަމަށް ކެޕިޓަލް އޭ އިން ބުނެއެވެ.

ގްރައުންޑްކޮށްފައިވާ ހުރިހާ ފްލީޓް ތަކެއް އަލުން ޚިދުމަތަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ކެޕިޓަލް އޭ އިން ބުނެއެވެ. މިގޮތުން މި އަހަރު ނިމޭއިރު 160 އޮޕަރޭޝަނަލް މަތިންދާބޯޓު ގެނެވޭނެ ކަމަށް ލަފާކުރާ ކަމަށް ކުންފުނިން ބުނެއެވެ. އަދި 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ފުރިހަމައަށް އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ.

ޖޫން 30 ގެ ނިޔަލަށް ތިން މަސް ދުވަހުގެ ތެރޭގައި ކެޕިޓަލް އޭ އަށް 110.03 މިލިއަން އެމެރިކާ ޑޮލަރުގެ އޮޕަރޭޓިން ގެއްލުން ލިބިފައިވާއިރު، މީގެ އަހަރެއްހާ ދުވަސް ކުރިން 792.2 މިލިއަން ރިންގިޓްގެ ގެއްލުމެއް އެ ކުންފުންނަށް ވަނީ ލިބިފައެވެ.

އެ ކުންފުނިން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރިފައިވާ ގޮނޑިތަކުގެ އިންސައްތަ ވަޒަންކުރާ މިންވަރު ބެލުމަށް ބޭނުންކުރާ މިންގަޑު ކަމަށްވާ، އެއާލައިން ލޯޑް ފެކްޓަރ ދެވަނަ ކުއާޓަރުގައި %84އަށް އަރާފައިވާއިރު، މިއީ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރާ އެއްވަރުގެ މިންވަރެކެވެ.

މީގެ އެއް އަހަރު ކުރިއާއި އަޅާބަލާއިރު ފަސިންޖަރުންގެ އަދަދު %633 އިތުރުވެފައިވާއިރު، މިއީ އެތެރޭގެ ޑިމާންޑް ބޮޑުވުމާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ބައިނަލްއަގްވާމީ ދަތުރުތައް އަލުން ފެށުމުން އައި ކުރިއެރުމެކެވެ. ނަމަވެސް ޗައިނާގައި އިތުރުކުރި ލޮކްޑައުންތަކުގެ ސަބަބުން ކާގޯ ޓަނޭޖް ވަނީ %27އަށް ދަށަށް ގޮސްފައއެވެ.

ކެޕިޓަލް އޭ އިން ވަނީ އާމްދަނީ ލިބޭ ގޮތްތައް ތަފާތު ކުރުމަށް ޕޭމަންޓްސް ފަރުމާ ބިގްޕޭ އާއި ލޮޖިސްޓިކްސް އާރމް ޓެލެޕޯޓް އަދި މޯބައިލް ސުޕަ އެޕް އަށް ބޮޑު އިންވެސްޓްމަންޓްތައް ކޮށްފައެވެ.