ދުނިޔޭގެ ވިޔަފާރި

ސަޢުދީ ޢަރަބިއްޔާއިންވެސް ޕާކިސްތާނަށް އެހީވަނީ


ޕާކިސްތާނުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް ސައުދީ އަރަބިއްޔާއިން ވެސް އެހީ ދޭން ނިންމައިފިއެވެ.

ޕާކިސްތާނަށް އެހީވުމަށް އެއްބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރުމަށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އިރުޝާދު ދެއްވާފައިވާކަމަށް ސައުދީ ޕްރެސް އޭޖެންސީން ވަނީ ބުނެފައެވެ.

ސައުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން ބުރާސްފަތި ދުވަހު ކުރެއްވި ފޯނު ކޯލެއްގައި ރަސްގެފާނުގެ އެންގުމާ ބެހޭ ގޮތުން ޕާކިސްތާނުގެ ކައުންޓަރޕާޓް ބިލާވަލް ބުއްޓޯ ޒަރުދާރީއަށް ވަނީ އަންގަވާފައެވެ.

ދެބޭފުޅުން ބުރާސްފަތި ދުވަހު ފޯނުން ބައްދަލުކުރައްވާ ވަނީ އެދެގައުމު ދެމެދު އޮތް ވަރުގަދަ ގުޅުންތައް އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ދެބޭފުޅުން ޝައުގުވެރިވެ ވަޑައިގަންނަވާ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ފައިސާގެ ބޭނުން އިންތިހާއަށް ޖެހިފައިވާ ޕާކިސްތާނަށް އިގްތިސާދީ ގޮންޖެހުންތައް ބޮޑުވަމުންދާއިރު، އިންފްލޭޝަން މަތިވުމާއި، ފޮރެކްސް ރިޒާވް ދަށްވުމާއި، ކަރަންޓް އެކައުންޓް ޑެފިސިޓް ފުޅާވުމާއި، ފައިސާގެ އަގު ދަށްވުމާއިވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.

ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ކަރަންޓް އެކައުންޓް ޑެފިސިޓް 13.2 ބިލިއަން ޑޮލަރަށް އިތުރުވެ، ބޭރުގެ ލޯނު އަނބުރާ ދެއްކުމަށް ޕްރެޝަރު ބޮޑުވުމުން، ބޭރު ފައިސާގެ ރިޒާވް އިތުރަށް ހުސްވުން ހުއްޓުވުމަށް ޕާކިސްތާނުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 9 ބިލިއަން އެމެރިކާ ޑޮލަރާއި 12 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަނ ޕާކިސްތާނަށް ވަނީ ބޭނުންވެފައެވެ.

ސައޫދީގެ އިތުރުން ޕާކިސްތާނަށް އެހީވުމުގެ ގޮތުން އެ ގައުމުގެ ވިޔަފާރިތަކަށާއި އެހެނިހެން ދާއިރާތަކަށް 3 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރުމަށް ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީ، ކިއުއައިއޭއިން ވެސް ވަނީ ނިންމާފައެވެ.

މިކަން އިއުލާން ކުރެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ދޯހާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ބޮޑުވަޒީރު ވަނީ ކިއުއައިއޭއާއެކު ބޭއްވެވި ބައްދަލުވުމަށް ފަހު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީއާ ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ.

މި މަޝްވަރާތަކުގައި ދެ ގައުމުގެ މެދުގައި އޮންނަ އަޚުވަންތަ އަދި ސްޓްރެޓެޖިކް ގުޅުންތަކުގެ މުހިންމުކަމާއި، ގަތަރުގެ އިންވެސްޓްމަންޓް އޮތޯރިޓީ މެދުވެރިކޮށް ވިޔަފާރި ބަދަލުކުރުމާއި އިންވެސްޓްމަންޓްތައް ކުރިއަރުވައިގެން އިގްތިސާދީ ޕާޓްނަޝިޕް އިތުރުކުރުމުގެ މައްޗަށްވެސް މަޝްވަރާކުރެއްވިކަމަށް އަމީރު ދީވާން ނެރުއްވި ބަޔާނެއްގައިވެއެވެ.