ޖަޕާނުގެ ސުޒުކީ މޮޓޯ ކޯޕަރޭޝަނުން އިންޑިއާގައި އާ ގްލޯބަލް ރިސާޗް އެންޑް ޑިވެލޮޕްމަންޓް ކުންފުންޏެއް އުފައްދަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ރައީސް ޓޮޝިހިރޯ ސުޒުކީ ވިދާޅުވެއްޖެއެވެ.
ސުޒުކީ ޖަޕާނުން ހިއްސާވާ މި އާ ކުންފުނީގެ ސަބަބުން އިންޑިއާ އާއި އެހެން މާކެޓްތަކަށްވެސް ރިސާރޗް އެންޑް ޑިވެލޮޕްމަންޓްގެ ވާދަވެރިކަމާއި ގާބިލްކަން ހަރުދަނާ ކުރުމަށް ސުޒުކީއަށް އެހީތެރިކަން ލިބޭނެއެވެ.
އިންޑިއާ ވެފައިވަނީ ސުޒުކީ ގްރޫޕަށް އެންމެ މުހިންމު އެއް ގައުމު ކަމަށް ސުޒުކީ އިން ބުނެއެވެ.
އިންޑިއާގައި ސުޒުކީއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ބޮޑު ދެ މަޝްރޫއެއްގެ ބިންގާ އަޅުއްވައިދެއްވާފައެވެ. އެއީ ގުޖުރާތުގައި ސުޒުކީ އިލެކްޓްރިކް ވެހިކަލްގެ ބެޓެރީ އުފައްދާ ފެސިލިޓީއެއް ގާއިމުކުރުމުގެ މަޝްރޫއާއި އުތުރުގެ ހަރިޔާނާ ސްޓޭޓްގައި މާރޫތީ ސުޒުކީ ކާރު އުފައްދާ ފެސިލިޓީއެއް ގާއިމުކުރުމުގެ މަޝްރޫއެވެ.
ކުދި، އަގުހެޔޮ ވެހިކަލްތަކުން އިންޑިއާގެ ކާރު މާކެޓްގައި ވެރިކަންކުރާ މާރޫތީގެ މެޖޯރިޓީ އޯނަރަކީ ސުޒުކީއެވެ. ނަމަވެސް ސްޕޯޓްސް ޔުޓިލިޓީ ވެހިކަލް (އެސްޔޫވީ) ފަދަ ބޮޑެތި ކާރުތަކަށް ގަންނަ މީހުން އިތުރުވުމާއި، ރެގިއުލޭޓަރުން ރައްކާތެރި އަދި ތިމާވެއްޓާއި ރައްޓެހި ކާރުތަކަށް ޑިމާންޑް ކުރުމުގެ ސަބަބުން ޚަރަދުތައް އިތުރުވެ، ކުންފުންޏަށް ވާދަވެރިކަން އަންނަނީ ބޮޑުވަމުންނެވެ.
އިންޑިއާއަކީ އާމްދަނީއާއި ފައިދާގެ ގޮތުން ބަލާއިރު ސުޒުކީގެ އެންމެ ބޮޑު އެއް މާކެޓެވެ. ސުޒުކީއިން ވަނީ އިންޑިއާގައި މިހާތަނަށް 650 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައެވެ.
މިދިޔަ އަހަރު މުޅި ދުނިޔޭގައި ސުޒުކީ ގްރޫޕުން އުފެއްދި 2.8 މިލިއަން ކާރުތަކުގެ ތެރެއިން %60 ށް ވުރެ ގިނަ ކާރު އުފައްދާފައި ވަނީ އިންޑިއާގައި ކަމަށް އެކުންފުނީގެ ރައީސް ސުޒުކީ ވަނީ ވިދާޅުވެފައެވެ.
ސުޒުކީ އިން ގުޖުރާތުގައި ކާރު އުފައްދަން ފެށީ 2017 ވަނަ އަހަރު މާރޫތީ އަށާއި ލެޓިން އެމެރިކާ އާއި އެފްރިކާ ހިމެނޭ ގޮތަށް ގައުމުތަކަށް އެކްސްޕޯޓް ކުރުމަށެވެ.
ސުޒުކީ އިން ބުނިގޮތުގައި 2025 ވަނަ އަހަރުން ފެށިގެން އިލެކްޓްރިކް ވެހިކަލް، އީވީ އުފެއްދުމަށާއި އޭގެ އަހަރެއް ފަހުން ބެޓެރީ އުފެއްދުމަށް އިންޑިއާގެ ފެކްޓްރީއަށް 104.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރަން ރާވާފައިވާ ކަމަށެވެ. އެ ފެކްޓްރީގައި އަހަރަކު 750،000 ކާރު އުފެއްދޭނެއެވެ