ޚަބަރު

ކުރިއަށްއޮތް ހަތަރު ދުވަހުވެސް ވައި ބާރުވެ، ކަނޑުތައްވެސް ގަދަވާނެ!


ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އަންގާ ރާއްޖޭގެ ބޮޑުބަޔަކަށް މިއުވެސް ވައިޓް އެލާޓް ނެރެފައެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން އަންނަނީ ހަފްތާ ބަންދުން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް ނެރެމުންދިޔަ ވައިޓް އެލާޓް ދަމަހައްޓަމުންނެވެ.

މެޓް އޮފީހުން އެންމެފަހުން މި އެލާޓްގެ މުއްދަތު އިތުރުކޮށްފައިވަނީ މިއަދު ހެދުނު 9:30 އިން ހަވީރު 15:30 އާއި ހަމައަށެވެ. މި ގަޑިތަކުގައި ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެލާޓް ނެރެފައިވަނީ ހއ. އިން ފެށިގެން ލ. އަތޮޅާއި ކަމަށެވެ.

މެޑް އޮފީހުން ވިދާޅުވީ މިހަފްތާގެ ކުރިއަށް އޮތް ހަތަރު ދުވަހުވެސް މޫސުން ގޯސްވާނެކަމަށެވެ. ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.