ޚަބަރު

ރިޔާސީ އިންތިޚާބާއިމެދު ޖޭޕީން ގޮތް ނިންމުން ޑިސެމްބަރު މަހު


ކުރިއަށް އޮތް 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާމެދު ޖުމްހޫރީ ޕާޓީން ކުރިއަށްދާނެ ގޮތެއް ނިންމުމަށްޓަކައި ބާއްވާ އެޕާޓީގެ ޤައުމީ ކޮންގްރެސް މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ޞާލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާ ނުވަތަ ޤައުމީ ކޮންފަރެންސް 2022 ޑިސެމްބަރުގައި ބޭއްވުމަށް ވާންޖޭހޭ މުޙިއްމު ތައްޔާރީތައް ޖޭޕީގެ ސެކްރެޓޭރިއޭޓުން ވަމުންދާކަމަށެވެ. މި ކޮންފަރެންސަކީ ސިޔާސީގޮތުން ޖޭޕީއިން ނިންމާ މުޙިއްމު ނިންމުންތަކަށް ކޮށާލެވޭ މަގަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮންފަރެންސުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް އަލުން އިންތިޚާބު ކުރެވިގެންދާނެއެވެ. އަދި އެޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނީ ވަކިންތޯ ނުވަތަ ކޯލިޝަނެއްގެ ތެރެއިންތޯވެސް ނިންމިގެންދާނެކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ.

މްހޫރީ ޕާޓީގެ 146ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ޤައުމީ ކޮންފަރެންސް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުޙިއްމު އެއް މަސައްކަތެއް ކަމުގައިވާ ޕާޓީގެ ރަށު ގޮފިތައް އަސާސީ ޤަވާޢިދާ އެއްގޮތަށް އެކުލަވާލާ ފުރިހަމަ ކުރުމަށްޓަކައި 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ވަނީ ނަގާފައެވެ.

‎ޕާޓީގެ ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކަމަށްޓަކައި އެއްވެސް ފަރާތަކުން މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ޕާޓީ ރަޖިސްޓްރާގެ އޮފީހުންނާއި ޕާޓީގެ އިދާރާއިން އެމައުލޫމާތެއް ލިބެންހުންނާނެކަމަށް އެޕާޓީން ބުނެއެވެ.

ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މިމަސައްކަތް ކުރުމަށް އެންމެހާ ބޭފުޅުންނަށް ފުރުސަތު އޮންނާނެކަމަށެވެ. އަދި މިކަމަށްޓަކައި ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމަށް ޕާޓީގެ އެންމެހާ ބޭފުޅުންނަށް ވެސް ފުރުޞަތު ފަހިވެފައި އޮންނާނެ ކަމަށެވެ.