ދުނިޔޭގެ ވިޔަފާރި

ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ގެއްލުން


ބޮޑެތި އިގްތިސާދުތައް އޮންނަ ދުނިޔޭގެ ބައެއް ގައުމުތަކަށް ދިމާވާ ހަނަފަސްކަމާއި، ތޫފާން އަދި ބޯކޮށް ވާރޭ ވެހުން ފަދަ ގުތުރަތީ ކާރިސާތަކުގެ ސަބަބުން 2050 ވަނަ އަހަރު އަންނަވާއިރަށް ދުނިޔޭގެ އިގްތިސާދަށް 5.6 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިދާނެކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިއަހަރު ޗައިނާ އާއި ދެކުނު ކޮރެއާގެ ސިޓީތަކަށް ފެންބޮޑުވެ އިންޑިއާގެ ފެނާއި ކަރަންޓް ފޯރުކޮށްދިނުމަށް ވަނީ ބުރޫއަރާފައެވެ. އަދި ހަނަފަސްވުމުގެ ސަބަބުން ޔޫރަޕްގެ ދަނޑުވެރިކަމަށް ވަނީ އަސަރުކޮށްފައެވެ.

މިފަދަ ކާރިސާތަކުގެ ސަބަބުން އިޤްތިޞާދުތަކަށް އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ ގެއްލުން ލިބެމުންދެއެވެ. މިދިޔަ އަހަރު ކުރިމަތިވި އިންތިހާއަށް ހަނަފަސްވެ، ފެންބޮޑުވުމާއި ތޫފާންތަކުގެ ސަބަބުން ދުނިޔެއަށް 224 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކމަށް ބްރަސަލްސްގައި ހުންނަ ސެންޓަރ ފޯ ރިސާޗް އޮން ދަ އެޕިޑެމިއޮލޮޖީ އޮފް ޑިޒާސްޓާސްއިން ބަލަހައްޓާ އިމަރޖެންސީ އިވެންޓްސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ އެމެރިކާގައި 2050 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 3.7 ޓްރިލިއަން ޑޮލަރުގެ ގެއްލުން ލިބިދާނެ ކަމަށާއި، އޭގެ ކުރިން އެމެރިކާގެ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓް ކޮންމެ އަހަރަކު ގާތްގަނޑަކަށް 0.5% އަށް ދަށްވެގެންދާނެ ކަމަށް އެ ޓީމުން ވަނީ ލަފާކޮށްފައެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާއަށް ގަރުނުގެ މެދުތެރޭގައި ގާތްގަނޑަކަށް 1.1 ޓްރިލިއަން ޑޮލަރުގެ ކިއުމިއުލޭޓިވް ގެއްލުންތަކެއް ލިބިދާނެކަމަށްވެސް ޓީމުން ލަފާކޮށްފައިވެއެވެ.

ދުނިޔޭގެ އިގްތިސާދަށް އެންމެ މުހިންމު ފަސް ވިޔަފާރީގެ ދާއިރާގެ ތެރެއިން ފެނުގެ ދަތިކަމުން އުފެއްދުމަށް ބުރޫއަރާއިރު ތޫފާނާއި އުދައެރުމުގެ ސަބަބުން އިންފްރާސްޓްރަކްޗާ އާއި އިންވެންޓްރީ އަށް 4.2 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ކާރިސާތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭނީ އުފެއްދުންތެރިކަމާއި ޑިސްޓްރިބިއުޝަނަށް ކަމަށް ރިޕޯޓުގައިވެއެވެ.

ހަނަފަސްވުމާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެސް ގެއްލުން ލިބިފައިވާ ދަނޑުވެރިކަމުގެ ދާއިރާއަށް 2050 ވަނަ އަހަރުގެ ނިޔަލަށް 332 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް ޓީމުން ބުނެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި އިތުރަށް ވާރޭވެހުމާއި ފެންބޮޑުވުމާއި ހަނަފަސްވުމުގެ ސަބަބުން މި ހަރަދުތައް ބޮޑުވާނެ ކަމަށް އިންޖިނިއަރިން އަދި އެންވަޔަރަންމަންޓަލް ކޮންސަލްޓެންސީ ކުންފުނި ޖީއެޗްޑީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.


ޖީއެޗްޑީން ވަނީ ތަފާތު އިގްތިސާދީ އަދި މޫސުމީ ހާލަތްތައް ތަމްސީލުކުރާ ހަތް ގައުމެއްގައި ފެނުގެ ނުރައްކާތައް ވަޒަންކޮށްފައެވެ. އެ ހަތް ގައުމަކީ އެމެރިކާ، ޗައިނާ، ކެނެޑާ، އިނގިރޭސިވިލާތް، ފިލިޕީންސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އޮސްޓްރޭލިއާއެވެ. ގްލޯބަލް އިންޝުއަރެންސް ޑޭޓާއާއި ގުތުރަތީ ކާރިސާތަކުގެ ސަބަބުން އެކި ދާއިރާތަކަށް އަސަރު ފޯރާނެ ގޮތުގެ ސައިންޓިފިކް ދިރާސާތައް ބޭނުންކޮށްގެން އެ ޓީމުން ވަނީ ވަގުތީ ހަރަދުތަކުގެ އިތުރުން ޖުމްލަ އިގްތިސާދަށް ލިބޭ ގެއްލުންވެސް ލަފާކޮށްފައެވެ.