އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި ކުލަބު އޭދަފުށި އަތުން ނައިފަރު ޗެލްސީ އެފްސީ މުހިންމު މޮޅެއް ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު ހިންނަވަރު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ ސްކޮޑަކާއެކު މި މުބާރާތަށް ނުކުތް އޭދަފުށީގެ ޓީމުގައި ހިމެނޭ އެންމެ މުހިންމު ކުޅުންތެރިޔާ ހަމްޒާ މުޙައްމަދު (ހަމްޕު) މި މެޗުގައި ކުޅެފައެއް ނުވެއެވެ. މި މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލްކޮށް ލަނޑުޖަހަން ފުރުސަތު ތަނަވަސްކުރީ އޭދަފުށިންނެވެ. އެކަމަކު އޭދަފުށީގެ ހަމަލާތައް ހުއްޓުވުމުގައި ޗެލްސީގެ ޑިފެންޑަރުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ކުރިއަށްޖެހި އޭދަފުށީގެ ގޯލަށް ނުރައްކާކުރިއިރު މެޗުގެ 59 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު އިޝާމްއެވެ.
މި ނަތީޖާއާއެކު ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ލީގު ތާވަލުގެ އެއްވަނައިގައި މި ވަގުތު އޮތީ ޗެލްސީއެވެ. އެ ޓީމަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފައެވެ. ދެވަނައިގައި އޮތް އޭދަފުއްޓާއި ތިންވަނައިގައި އޮތް ހިންނަވަރަށް ތިން މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ޗެލްސީން ވަނީ ހިންނަވަރު އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ބަޒޫކާ އަތުން 7-0 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. އަދި މި މުބާރާތުގެ ފުރަތަމަ މެޗުގައި އޭދަފުށިން ހިންނަވަރުގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދި ނަމަވެސް، ދެވަނަ މެޗުގައި ވެލިދޫ އަތުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ކުލަބު އޭދަފުއްޓާއި، ބަޒޫކާ ސްޕޯޓްސް ކުލަބާއި، ވެލިދޫ ސްޕޯޓްސް ކުލަބާއި، ނައިފަރު ޗެލްސީ އަދި ހިންނަވަރު ސްޕޯޓްސް ކުލަބެވެ.
މިދިޔަ އަހަރު މި މުބާރާތް ކުރިއަށް ގޮސްފައިވަނީ ހަމައެކަނި ޅަވިޔަނި އަތޮޅަށް ހުޅުވާލައިގެންނެވެ. އެކަމަކު މި ފަހަރު މި މުބާރާތުގައި ދައުވަތު ދީގެން ޒޯނުގެ އެކި އަތޮޅުތަކުންވެސް ޓީމުތައް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.