ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފި


  • 5 މީހުން ތިބި މި އުޅަނދު މާލޭ ބަނދަރަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ޤައުމެއްގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އެގޮތުން 5 މީހުން ތިބި މި އުޅަނދު މާލޭ ބަނދަރަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް، މި އަހަރުގެ ޖަނަވަރީ މަހުވެސް ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އަދި މިދިޔަ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހުވެސްވަނީ ރާއްޖެ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފައެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި މިމަސް ބޯޓު ލޮކޭޓްކުރީ އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯންގެ އެހީގައިކަމަށް އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖެ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް ޑިންގީއެއްގައި އުޅުނު ބޭރު ޤައުމެއްގެ ބަޔަކުވެސް މިދިޔަ ޑިސެމްބަރުމަހު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރައްވާފައެވެ.