ޚަބަރު

ނާޝިދު ކޯޗާއެކު ބިސް ބުރުން ލީގުގެ ފަރިތަކުރުންތައް ފަށައިފި


  • ބިސްބުރުގެ ސްކޮޑަށް ބިދޭސީ 4 ކުޅުންތެރިން ގުޅޭނެ

  • ދިވެހި ލީގަށް ބިސް ބުރުން ކޮލިފައިވީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާ ކޮލިފިކޭޝަން ބުރުން ކުރިހޯދައިގެން

ދިވެހި ޕްރިމިއާ ލީގަށް މުޅިން އަލަށް ޕްރޮމޯޓުވި، ބިސް ބުރު ސްޕޯޓްސް ކްލަބުން ކޯޗު އަހުމަދު ނާޝިދު (ނާދު)އާއެކު ފަރިތަކުރުންތައް ފަށައިފިއެވެ.

މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ބިސް ބުރުން ކޮލިފައިވީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާ ކުޅުނު ކޮލިފިކޭޝަން ރައުންޑުން ކުރިހޯދައިގެންނެވެ.

"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ކޯޗު ނާޝިދު ބުނީ، މިއީ ކޯޗެއްގެ ގޮތުގައި ޗެލެންޖެއް ކަމަށެވެ. އަދި ބިސްބުރުން ލީގަށް ނުކުންނާނީ ލީގުގައި ދެމިއޮތުމަށް ކަމަށާއި، ބިސް ބުރުން ލީގަށް ކަނޑައަޅާފައިވާ ޓާގެޓަކީ އެއީ ކަމަށެވެ.

ކޯޗު ނާޝިދު ބުނީ ލީގަށް ބިސްބުރުގެ ސްކޮޑަށް ބިދޭސީ ހަތަރު ކުޅުންތެރިން ގުޅޭނެ ކަމަށެވެ. އެއާއެކު އެ ޓީމުގެ ސްކޮޑުވެސް ވަރުގަދަވެގެންދާނެކަން ނާޝިދު ފާހަގަކުރިއެވެ.

ނާޝިދު ބުނީ ލީގުގައި މި ފަހަރުގައި ކުޅޭ ޓީމުތައް ވަރުގަދަ ކަމަށާއި، އެގޮތުން ވަކި ޓީމެއް މާ ބޮޑަށް ވަރުގަދައޭ ބުނެވެން ނެތް ކަމަށެވެ. އެކަމަކު މިދިޔަ ސީޒަނުގެ ގަދަ ފަސް ޓީމުގެ ސްކޮޑު ޖުމްލަކޮށް ވަރުގަދަކަން ނާޝިދު ފާހަގަކުރިއެވެ.

މި ފަހަރުގެ ލީގުގައި ބިސް ބުރުގެ އިތުރުން މުޅިން އަލަށް ހއ. ދިއްދޫ ވާދަކުރާނެއެވެ. ދިއްދޫ ވެސް ލީގުން ޖާގަ ހޯދީ ޕްލޭއޮފް ކުޅެ އޭގެން ކުރިހޯދައިގެންނެވެ. މިދިޔަ އަހަރުގެ ފުރަތަމަ ޑިވިޝަނުގައި އޮތް ޓީމުތަކުގެ ތެރެއިން އަންނަ ސީޒަނުގައި ނުފެންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ކްލަބް ވެލެންސިއާއެވެ.