ރާއްޖޭގައި ބައިނަލްއަގްވާމީ ދިގު ފެތުމުގެ މުބާރާތްތައް ބާއްވަން ގިނަ ބަޔަކު ބޭނުންވާ ކަމަށާއި، 2028 ވަނަ އަހަރު ބައިނަލްއަގްވާމީ ދިގު ފެތުމުގެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެކުއެޓިކްސްގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.
ގައުމީ ދިގު ފެތުމުގެ މުބާރާތުގެ ތެރެއިން "ޕީއެސްއެމް ނިއުސް"އަށް ދިން ހާއްސަ އިންޓަވިއުގައި ވާހަކަ ދައްކަވަމުން ސައްތާރު ވަނީ ރާއްޖޭގައި ދިގު ފެތުމުގެ މުބާރާތްތައް ބޭއްވުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު ފާޅުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މޯލްޑިސް އެކުއެޓިކްސް އިން ގައުމީ ދިގު ފެތުމުގެ މުބާރާތެއް ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ، މޯލްޑިވްސް އެކުއެޓިކްސް އިން ވާނީ 2028 ވަނަ އަހަރު ބާއްވާ އޭޝިއަން އޯޕަން ވޯޓާ ސްވިމިންގް މުބާރާތް ރާއްޖޭގައި ބޭއްވުމަށް ބިޑްކޮށްފައި ކަމަށެވެ. ސައްތާރު ވިދާޅުވީ، މުބާރާތުގެ ހޮސްޓުކުރަން ރާއްޖެއިން ބިޑްކޮށްފައިވީ ނަމަވެސް އެ މުބާރާތް ބާއްވާނީ ރާއްޖޭގެ ކޮން ރަށެއްގައިކަން އަދި ނުނިންމާ ކަމަށެވެ.
ސައްތާރު ވިދާޅުވީ، ރާއްޖެއަަށް ވަރަށް ގިނަ އެތުލީޓުން އަންނަން ބޭނުންވާ ކަމަށާއި، ރާއްޖޭގެ ރީތިކަން ބަލާ ރާއްޖޭގެ މާހައުލުގައި ފެތުމަށް އެ އެތުލީޓުން ބޭނުންވާ ކަމަށެވެ. އަދި ރާއްޖެއިން މިހާރުވެސް މުބާރާތްތައް ބާއްވާއިރު، އެންމެ އިސްކަމެއް ދެނީ އެތުލީޓުންގެ ސަލާމަތަށްކަން ސައްތާރު ފާހަގަކުރެއްވިއެވެ.
ސައްތާރު ވިދާޅުވީ، ބައިނަލްއަގްވާމީ މުބާރާތާއެކު، ރާއްޖެއަށް ވެސް އޭގެ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި 2028 ގެ އޭޝިން އޯޕަން މުބާރާތައް ރާއްޖެއިން ބިޑްކޮށްފައިވާއިރު، އެ މުބާރާތުގެ ބިޑް ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ސައްތާރު ވިދާޅުވިއެވެ.
މޯލްޑިވްސް އެކުއެޓިކްސް އިން އަންނަނީ ރާއްޖޭގައި ދިގު ފެތުމުގެ ގިނަ މުބާރާތްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ މަހު ހއ. ވަށަފަރުގައި ވެސް ދިގު ފެތުމުގެ މުބާރާތެއް ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.