ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ގައި ބައިވެރިވާ ފަރާތްތަކުން، ފަހު ވަގުތަށް މަޑުނުކޮށް ވީ އެންމެ އަވަހަކަށް އުފެއްދުންތައް ހުށަހެޅުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން އިލްތިމާސްކޮށްފިއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ، ކުރީބައިގައި އުފެއްދުންތައް ހުށަހެޅުމަކީ ޖަޖުކުރުމުގެ އިންތިޒާމުތަކަށް ފަސޭހަ ވުމުގެ އިތުރުން، ބައިވެރިންނަށް ވެސް އެފަރާތްތަކުގެ މަސައްކަތްތައް ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ކުރިއަށްދާކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެ ކަމެއްކަމަށެވެ.
މީގެ އިތުރުން، މިއަހަރުގެ މަޢުރަޒުގައި ގިނަ އަދަދެއްގެ ތަކެތި ބައިވެރިކޮށްފައިވާއިރު، ފަހު ވަގުތަށް މަޑުކުރުމަކީ ބައިވެރިންނަށާއި މަޢުރަޒުގެ އިންތިޒާމުތަކަށް ދަތިތައް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް ސާމިހް ވިދާޅުވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް 2026، ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޮކްޓޯބަރު 25 އިން 02 ނޮވެމްބަރަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ މަޢުރަޒުގައި ބައިވެރިވުމަށް 800 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، 16 ދާއިރާއަކުން 73 ކެޓަގަރީއެއްގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މަޢުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރި ކުރުމަށް 6000އަށްވުރެ ގިނަ ދިވެހި އުފެއްދުން ވަނީ ރަޖިސްޓަރ ކޮށްފައެވެ.
މި މައުރަޒަކީ، ދިވެހިންގެ އަމިއްލަ އުފެއްދުންތަކާއި ޚިދުމަތްތައް އަދި އީޖާދީ މަސައްކަތްތައް އާންމުންނަށާއި ގަންނަން ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން ސިނާއަތުގެ އިސް ފަރާތްތަކަށް ދައްކާލުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މީގެ އިތުރުން، މިއީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ޤާއިމުކުރާ ޤައުމީ މުހިންމު ޕްލެޓްފޯމެކެވެ.