ޚަބަރު

"މީހުންގެ އަގު ވައްޓާލަން ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލެއް ނެތް"


  • އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އަމަލުކުރާނެ ޕްލޭނެއް ދަނީ ތައްޔާރުކުރަމުން

އަސާސެއް ނެތި މީހުންގެ އަގު ވައްޓާލުމުގެ މަގުސަދުގައި އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް މައްސަލަތައް ހުށަހަޅާ ކަމަށާއި އެފަދަ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލެއް ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ޝާމިލް މިހެން ވިދާޅުވީ އޭސީސީގެ 2025ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރުމަށް އެ ކޮމިޝަނުގެ ބޭފުޅުންނާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މި ކޮމިޓީގައި ވެރިންގެ ބޮލުގައި ބޮޑެތި ބަދުނާމު އެޅުވުމުގެ ގޮތުން ހުށަހަޅާ މައްސަލަތަކަށް އިސްކަންދީގެން އަވަހަށް ނިންމާނެ ހާއްސަ އުސޫލެއް އޭސީސީގައި އޮތްތޯ ބެލުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން، ސިޔާސީ ފަރާތްތަކާ ގުޅުވައިގެން ކޮރަޕްޝަން ނުހިންގި ނަމަވެސް އެއިރެއްގައި އިދިކޮޅުގައި ތިބޭ ބަޔަކު ސިޔާސީ މަގުސަދެއްގައި މައްސަލަތައް ހުށަހަޅާކަން މެންބަރު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ ކޮމިޝަނުގެ މެންބަރުންގެ އަގުވައްޓަލާމުގެ މަގުސަދުގައިވެސް މައްސަލަތައް ހުށަހަޅާކަމަށެވެ. އަދި އެފަދަ މައްސަލަތައް ބަލައި، ފިޔަވަޅު އެޅޭނެ ގޮތް ރާއްޖޭގެ އެހެން އިދާރާތަކުގައި ހުރި ނަމަވެސް އަދި މިހާތަނަށް އޭސީސީގައި އެ ނިޒާމު ގާއިމުވެފައި ނެތްކަމަށް ވިދާޅވިއެވެ.

ޝާމިލު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ރާއްޖޭގައި ކުރިން އަމަލުކުރި ޤާނޫނުގައި އެ އުސޫލު އޮތް ނަމަވެސް މިހާރު އޭސީސީން އަމަލުކުރާ ނިޒާމުގެ ތެރޭގައި އެ ކޮމިޝަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ހިމަނާފައިވާއިރު މީހަކު ކަނޑައެޅިގެން މީހެއްގެ އަގުވައްޓާލުމުގެ ބޭނުމުގައި މައްސަލައެއް ހުށަހެޅިނަމަވެސް ދެން އަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައި ނެތް ކަމަށެވެ.

ޝާމިލް ވިދާޅުވީ ސަރުކާރާއި ޖުޑިޝަރީ ވެސް ހިމެނޭ ގޮތުން، އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އިސްތިރާޖީ ޕްލޭނެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީގައި އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.