އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު ފުލަމުން ކާމިޔާބުކޮށްފިއެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބްރައިޓަންއިން ބޯޅަ ގެންގުޅުނު އިރުގިނަ ހަމަލާ އުފައްދާފައިވަނީ ފުލަމްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ފުލަމްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އިތުބާރު ފޯވަޑް އެލެގްޒެންޑަރ މިޓްރޮވިޗްއެވެ. މިއީ އޭނާ މިސީޒަންގައި ޕްރިމިއަރ ލިގުގައި ކާމިޔާބުކުރި ފަސްވަނަ ލަނދެވެ. އަދި ފުލަމްެއަށް އޭނާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ. އަދި މެޗްގެ 55 ވަނަ މިނެޓްގައި ބްރައިޓަންގެ ކެޕްޓަން ލުއިސް ޑަންކްއަތުން ބައިކޮޅަށް ވަން ލަނޑާއެކު މިމެޗްގައި ފުލަމްއިން އެޓީމްގެ ލިޑު ފުޅާކުރިއެވެ.
މިމެޗްގައި ބްރައިޓަން އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެލެކްސިސް މެކް އެލިސްޓަރއެވެ. މިމެޗްގައި ބްރައިޓަންއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ފުލަމްގެ ކޯޗް މާކޯ ސިލްވަރވަނީ މިޓްރޮވިޗްއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. އަދި އޭނާއަކީ ހަމައެކަނި ލަނޑު ޖެހުންތެރިއެއް ނޫން ކަމަށާއި އޭގެ އިތުރުން ޓީމަށް ހިތްވަރުދޭ ލީޑަރެއްވެސް މެކަމަށެވެ. މިކާމިޔާބީއާއެކު ފުލަމް މިހާރުވަނީ އެޓީމް ކުޅުނު ފަސް މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ބްރައިޓަން މިވަނީ މިސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވެފައެވެ. އެޓީމް މިހާރު އުޅެނީ ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.