އީރާނުގެ އަސްކަރީ ޤާބިލުކަން ‘ފުނޑުފުނޑުވެފައި’ވާ ކަމަށް އެމެރިކާގެ ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް އީރާނުގެ އަސްކަރިއްޔާގެ ޤާބިލު ކަމަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކޮށްފައިވާ ސިއްރު ލިޔެކިޔުންތަކަކުން ދައްކައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން ވަނީ އީރާނަށް ޙަމަލާދީ ހަނގުރާމަ ފަށައިފައެވެ. އީރާނަށް ގިނަ ޙަމަލާތަކެއް ދުޝްމަނުން ދީފައިވާ އިރު، އީރާނުން ވެސް ވަނީ މެދުއިރުމަތީގައި ހުންނަ ޔަހޫދީންނާއި އެމެރިކާގެ މަސްލަހަތުތަކަށް ވަރުގަދަ ޙަމަލާތައް ދީފައެވެ. އަދި ގޭހާއި ތެޔޮ އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއަޅައިފައެވެ. ދެ މަސް ދުވަސް ވަންދެން ޙަމަލާ ބަދަލުކުރުމަށް ފަހު މިދިޔަ އޭޕްރިލް މަހުގެ 8ވަނަ ދުވަހު ދެ ފަރާތުން ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައެވެ. އެއްބަސްވުމަށް ޢަމަލުކުރަމުން ދިޔަ ނަމަވެސް އަދިވެސް ޙަމަލާތައް ދަނީ ދެ ފަރާތަށް ވެސް އަމާޒުވަމުންނެވެ.
ރިޕޯޓުތަކުގައި ބުނާ ގޮތުން މެއި މަހުގެ ކުރީކޮޅު ތައްޔާރުކޮށްފައިވާ މި ރިޕޯޓުން އީރާނުގެ ގިނަ މިސައިލް މަރުކަޒުތައް ހިންގައި އެ ތަންތަނުން ޙަމަލާ ދިނުމުގެ ޤާބިލުކަން އީރާނުން އަލުން ވަނީ ހޯދައިފައެވެ. އޭގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ސަރަޙައްދުގައި ޤާއިމްކޮށްފައިވާ 33 މިސައިލް ސައިޓުގެ ތެރެއިން 30 ސައިޓު ވެސް ހިމެނެއެވެ.
ބެލެވޭ ގޮތުގައި ހަނގުރާމައިގެ ކުރިން އީރާނުގެ އަތުގައި ހުރި މިސައިލްއާއި މޮބައިލް ލޯންޗަރުގެ ޢަދަދުގެ 70 އިންސައްތަ އަދިވެސް އެ ޤައުމުގެ އަތުގައި އެބަހުއްޓެެވެ. އަދި ބިމުގެ އަޑީގައި ޤާއިމްކޮށްފައިވާ އީރާނުގެ މިސައިލް ރައްކާކުރާ ގުދަންތަކާއި މިސައިލް ލޯންޗުކުރާ ސައިޓުތަކުގެ 90 އިންސައްތަ ދަނީ ފުރިހަމައަށް، ނުަވަތަ ކޮންމެވެސް މިންވަރަކަށް ހިންގަމުންނެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން މިހެން ބުނެފައިވާއިރު، އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމަނު، އޮލިވިއާ ވޭލްސް ވިދާޅުވީ މިހާރު އޮތް ޙާލަތު ދެމެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަން އީރާނުގެ ސަރުކާރަށް އެނގޭ ކަމަށެެވެ. އީރާނުގެ އަސްކަރީ ޤާބިލުކަން އަލުން ބިނާކޮށް ދަމަހައްޓަމުންދާ ކަމަށް ޤަބޫލުކުރާ ކޮންމެ މީހަކީ ހަޤީޤަތް އޮޅިފައިވާ މީހެއް ކަމަށާއި، އެއީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ)އަށް ވަފާތެރި ބައެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.