ކުޅިވަރު

ރިސޯޓް ލީގު: ވަރު ބަލިކޮށް ނޯތު މާލޭ ޒޯނުގެ ތަށި ބަރޮހަށް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ނޯތު މާލެ ޒޯނުގެ ފައިނަލް މެޗުގައި ވަރު ބައި އެޓްމޮސްފެއާ ބަލިކޮށް ޗެމްޕިއަންކަން ބަރޮސް މޯލްޑިވްސްއިން ހޯދައިފިއެވެ.

ވަން އެންޑް އޮންލީ ރީތި ރަށުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗު ބަރޮހުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ބަރޮހުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިޝާން ހަބީބެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބަރޮހުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނަފާޒް މުސްތަފާއެވެ.

އަދި މެޗުގެ 30 ވަނަ މިނެޓުގައި ބަރޮހުގެ ތިންވަނަ ލަނޑޔ ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ވިޝާންއެވެ. މި މެޗުގައި ވަރު ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފަހު ވަގޮތުކޮޅުގެ ތެރޭގައި އެ ޓީމަށް ޖަހައިދިނީ އަޙްމަދު ޒަމީމެވެ.

ޖުމްލަ 12 ޓީމުގެ މެދުގައި ކުރިއަށްދިޔަ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަރޮހުގެ ކެޕްޓަން ހުސައިން ވިފާގެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ބަރޮހުގެ އާތިފް މުޙައްމަދު ހޮވުނުއިރި، މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ވަރު ޓީމުގެ މޫސާ ހުމައިދެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ވަރު ޓީމުގެ ހުމައިދާއި، ހަސަން އަދީލުގެ އިތުރުން ބަރޮހުގެ ހަސަން ސަލީމާއި، ވިޝާން ހަބީބު އަދި ހުސެއިން ޝަހުޒާނެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ބަރޮހުގެ ކޯޗު އާތިފް މުޙައްމަދު ބުނީ މި މުބާރާތަށް ނުކުތްއިރު އެ ޓީމުގެ މެނޭޖުމަންޓުން އެދުނީ ތަށި ހޯދުމަށް ކަމަށާއި، އެކަން ކޮށްދެއްވިފައިވާ ކަމަށެވެ. އަދި މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ބުންޏެވެ.
އާތިފް އިތުރަށް ބުނީ މި މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމުން ކުރިއަށްހުރި މެޗުތަކުން މޮޅުވާން ކުޅުންތެރިން އިތުރު ހިތްވަރެއް ކުރި ކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވަރު ޓީމުގެ ކޯޗު އަޙްމަދު އަހުސަން (ބަރޯ) ބުނީ ފައިނަލާ ހިސާބަށް ދަތުރުކުރީ ވަރަށް މަސައްކަތުން ކަމަށާއި، މި މެޗުގައި ފެނިގެންދިޔައީ ނިންމަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެންދިޔަތަން ކަމަށެވެ. އަދި މެނޭޖުމަންޓުން ކަނޑައެޅި އަމާޒަށްވުރެ ދުރަށް ދެވުނު ކަމަށްވެސް ބަރޯ ބުންޏެވެ.

ނޯތު މާލޭ ޒޯނާއެކު މި އަހަރުގެ ރިސޯޓް ލީގުގެ ޖުމްލަ ހަތަރު ޒޯނެއްގެ ކުޅުން ވަނީ ނިމިފައެވެ. އެގޮތުން މީގެ ކުރިން ދާލު އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސްއިން ހޯދިއިރު، ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދީ ކޮންރެޑް މޯލްޑިވްސްއެވެ. އަދި ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޯޒެން ރިޒާވް ބޮލިފުށިންނެވެ.