އިންފްލޭޝަން މަތިވެ އިގްތިސާދުތައް ހީނަރުވަމުންދާ މި ދަނޑިވަޅުގައި ހަރަދު ކުޑަ ކުރުމުގެ ގޮތުން %20 މުވައްޒަފުން މަދުކުރަން ސްނެޕް ޗެޓުން ނިންމައިފިއެވެ.
މި އަދަދަށް މުވައްޒަފުން މަދުކުރުމުން ކުންފުންޏަށް އަހަރަކު 500 މިލިއަން އެމެރިކާ ޑޮލަރުގެ ހަރަދު ސަލާމަތް ކުރެވޭނެކަމަށް ލަފާކުރެވޭކަމަށް ސްނެޕްއިން ބުނެއެވެ.
ސްނެޕްޗެޓްގެ ވިޔަފާރި ރަނގަޅުކޮށް ބޭނުންކުރާ މީހުންގެ އަދަދު އިތުރުކުރުމަށް ސަމާލުކަން ދޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރަން ނިންމި ނިންމުމަކީ އިންވެސްޓަރުންނަށް ޔަގީންކަން ލިބުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ޕީޕީ ފޯސައިޓްގެ އެނަލިސްޓެއް ކަމަށްވާ ޕައޮލޯ ޕެސްކަޓޯރޭ ވިދާޅުވިއެވެ.
އިގްތިސާދީ ހާލަތު ގޯސްވުމުގެ ސަބަބުން ކުންފުނިން އަމާޒު ހިފާފައިވާ އާމްދަނީ ނުލިބިދާނެކަމަށް ސްނެޕް އިން މިދިޔަ މެއި މަހު ލަފާކޮށްފައިވާތީ، ސޯޝަލް މީޑިއާގެ ސްޓޮކްތައް ވަނީ ވިއްކާލާފައެވެ.
ތިންވަނަ ކުއާޓަރުގައި މިހާތަނަށް ލިބުނު އާމްދަނީގެ ކުރިއެރުމަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތަ އިތުރު އަދަދެއްކަމަށާއި، ނަމަވެސް އެއީ ކުންފުނިން އުންމީދުކުރި މިންވަރަށްވުރެ މާ ދަށް އަދަދެއް ކަމަށް ޗީފް އެގްޒެކެޓިވް އިވާން ސްޕީގަލް މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވަނީ ބުނެފައެވެ.