އިނގިރޭސި ޕްރިމިއާ ލީގުގައި އަލަން ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 12 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ހާލަންޑް ސިޓީގެ ލީޑު ފުޅާކޮށްދިންއިރު، އޭނާ ވަނީ މެޗުގެ 38 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ހެޓްރިކް ހަދާފައެވެ.
މިއީ ހާލަންޑް ޖެހިޖެހިގެން ހެޓްރިކް ހެދި ދެވަނަ މެޗެވެ. އަދި އޭނާ ވަނީ މިހާތަން ލީގުގައި ސިޓީއަށް ކުޅެދިން ފަސް މެޗުގައި ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. ސިޓީގެ އެންމެ ކާމިޔާބު ފޯވާޑް އަދި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯއަށް ލީގުގެ ފުރަތަމަ ފަސް މެޗުގައި ކާމިޔާބުކުރެވިފައިވަނީ ހަ ލަނޑެވެ.
ދެން މި މެޗުގައި ސިޓީއިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖާއޮ ކަންސޭލޯއެވެ. ސިޓީގެ ފަސްވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިންއިރު، މިއީ އޭނާ ލީގުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އަދި ސިޓީގެ ފަހު ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖަހައިދިނީވެސް އަލްވަރޭޒެވެ.
މި މޮޅާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އުޅެނީ ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްގެން 15 ޕޮއިންޓް ހޯދާފައިވާ އާސެނަލެވެ. ލީގުގައި ބުދަ ދުވަހުގެރޭ އާސެނަލް ވަނީ އެސްޓަން ވިލާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.