ކުޅިވަރު

ނިއުކާސަލް އަތުން ލިވަޕޫލަށް ފަހު ވަގުތު މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ފަހު ވަގުތު ޖެހި ލަނޑަކާއެކު ލިވަޕޫލް މޮޅުވެއްޖެއެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމުން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ނިއުކާސަލުންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު ނިއުކާސަލަށް ކާމިޔާބުކޮށްދިނީ ދާދި ފަހުން އެ ޓީމަށް ސޮއިކޮށް، ފުރަތަމަ މެޗު ކުޅެމުންދިޔަ ސްވިޑެންގެ ފޯވާޑް އެލެގްޒެންޑާ އިސާކެވެ. އޭނާއަށް މި މެޗުގައި ކުޅުމުގެ ހުއްދަ ލިބުނީ މެޗު ފެށެން ދެތިން ގަޑިއިރަށް ވެފައިވަނިކޮށެވެ.

މި މެޗުގައި ލިވަޕޫލުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތަކުްނ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯއެވެ. އަދި މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓުުގައި ކާމިޔާބުކޮށްދިނީ ފަބިއޯ ކަވާލިއޯއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ވަނީ މި ކާމިޔާބީގެ ވާހަކަ އެ ކުލަބާއި، ކުލަބުގެސަޕޯޓަރުން ގިނަ އަހަރުތަކެއް ވަންދެން ދައްކާނެ ކަމަށް ބުނެފައެވެ.

މި މޮޅާއެކު ލިވަޕޫލް މިހާރު ވަނީ ކުޅުނު ކުޅުނު ފަސް މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ނިއުކާސަލް އުޅެނީ ފަސް މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.